އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑް ބަލިކޮށް، އަފްޣާނިސްތާނުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.
ދިއްލީގައި ހުންނަ އަރުން ޖެއިޓްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އަފްޣާނިސްތާން މޮޅުވީ 69 ލަނޑުންނެވެ. މިއީ ކްރިކެޓް ވޯލްޑް ކަޕުގެ ތާރީޚިގައި އަފްޣާނިސްތާން މޮޅުވި ދެވަނަ މެޗެވެ. އަފްޣާނިސްތާނުން ވޯލްޑް ކަޕުގެ މެޗެއް އެންމެ ފުރަތަމަ ފަހަރަށް ކާމިޔާބުކުރީ 2015 ވަނަ އަހަރު ސްކޮޓްލެންޑް އަތުންނެވެ.
އިއްޔެ ކުޅުނު މެޗުގެ ގުރު ދިމާވުމުން އިންގްލަންޑުން ނިންމީ ހޮވުމަށެވެ. އެއާއެކު އަފްޣާނިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 49.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 284 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 56 ބޯޅައިން 80 ލަނޑު ހެދި ރަޙްމަނުﷲ ގުރުބާޒާއި 66 ބޯޅައިން 58 ލަނޑު އެއްކުރި އިކްރާމް އަލިކިލްއެވެ. މި އިނިންގްސްގައި އިންގްލެންޑުގެ އާދިލް ރާޝިދު ވަނީ 10 އޯވަރުގައި 42 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
ޖަވާބުގައި އިންގްލަންޑް ކުޅެން އަރައި 40.3 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 215 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 61 ބޯޅައިން 66 ލަނޑު ހެދި ހެރީ ބްރޫކެވެ. މި އިނިންގްސްގައި އަފްޣާނިސްތާނުގެ މުޖީބުއްރަޙްމާން ވަނީ 10 އޯވަރުގައި 51 ލަނޑަށް ތިން ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ ރާޝިދު ޚާންވެސް ވަނީ 9.3 އޯވަރުގައި 37 ލަނޑަށް ތިން ވިކެޓް ނަގާފައެވެ.
10 ޤައުމު ވާދަކުރާ މި މުބާރާތުގައި އަފްޣާނިސްތާނުން ތާރީޚީ މޮޅެއް ހޯދިއިރު، އެ ޓީމު އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ފަސްވަނައިގައި އޮތް އިންގްލަންޑަށްވެސް ވަނީ ތިން މެޗުން ދެ ޕޮއިންޓް ލިބިފައެވެ.