ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްއަށް ދިން ޓެރަރިސްޓް ޙަމަލާތަކާ ގުޅިގެން މެޓްރޯ ސްޓޭޝަން ވަގުތީގޮތުން ބަންދުކުރުމަށްފަހު އަލުން ހުޅުވައި ސްޓޭޝަންގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފިއެވެ.
ބޮން ގޮއްވުމުގެ ޙާދިސާއަށްފަހު މިސްޓޭޝަން އަލުން އިއްޔެ ހުޅުވާފައިވަނީ ޓެރަރިސްޓް ޙަމަލާތަކުން ސަލާމަތް ވެވޭފަދަ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް ޚަބަރުތައް ބުނެއެވެ. މިފިޔަވަޅުތައް އަޅާފައި މިވަނީ މިދިޔަ އަންގާރަދުވަހު ބްރަސަލްސްއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ތިރީސް ހަތަރު މީހުން މަރާލުމާ ގުޅިގެން ބެލްޖިޔަމްގެ ޖާސޫސީ އިދާރާއަށާއި އަމަނާބެހޭ އިދާރާތަކަށް އެޤައުމުގެ އެތެރެއިންނާއި ބޭރުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ބްރަސަލްސްގެ އަމަނާބެހޭ އިދާރާތަކުން މިހާރު ވަނީ އަންގާރަދުވަހުގެ ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ޝައްކު ކުރެވޭ ތިންވަނަ މީހާވެސް ހައްޔަރުކޮށްފައެވެ. އެޙަމަލާތަކުގެ ފަހަތުގައިވާ އަނެއް ދެމީހުން އެއަރޕޯޓަށް ދިން ޙަމަލާތަކުގައި ވަނީ މަރުވެފައެވެ.