ޚަބަރު

ޒިންމާދާރު ރައްޔިތުން ބިނާކުރުމާބެހޭ ބައްދަލުވުމެއް ދިއްދޫގައި


ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ސިސްސިލާ މަސައްކަތު ބައްދަލުވުންތަކުގެ ހަތަރުވަނަ މަސައްކަތު ބައްދަލުވުން ހއ. ދިއްދޫގައި ފަށްޓަވައިފިއެވެ.

މިއީ ހޯމް މިނިސްޓްރީން ކުރިޔަށްގެންދަވާ ޕްރޮގްރާމެކެވެ. އަމާންވެއްޓެއް ޤާއިމުކުރުމާއި ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެއްވުމުގެ މަޤްޞަދުގައި ބާއްވަވާ މި މަސައްކަތު ބައްދަލުވުމުގައި ހއ. އަތޮޅުގެ އެކިރަށްރަށުގެ ކައުންސިލްތަކާއި އަދި ޖަމްޢިއްޔާތަކުން  މަންދޫބުން ބައިވެރިވެއެވެ.

ދެދުވަހުގެ މިމަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ބައެއް އިދާރާތަކުން ވަނީ ޕްރެޒެންޓޭޝަންތައް ހުށައަޅުއްވާފައެވެ. އެ އިދާރާތަކުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި، ނޭޝަނަލް ޑްރަގް އެޖެންސީން ހިމެނެއެވެ.

މި އިދާރާތަކުން ހުށައެޅި ޕްރެޒެންޓޭޝަންތަކުގައި ކޮންމެ އިދާރާއަކުންވެސް އެ އިދާއިރާއެއްގެ ދާއިރާއިން، ހއ. އަތޮޅުގައި އަމާން ވެއްޓެއް ޤާއިމުކުރައްވައި، ޒިންމާދާރު ރައްޔިތުންތަކެއް ބިނާކުރެއްވުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ފަރުދީ ފެންވަރުގައާއި، މުއައްސަސާތަކުގެ ފެންވަރުގައި، އަދި ރަށުފެންވަރުގައި މިކަމަށްޓަކައި ކުރެވިދާނެ ކަންތައްތައްތައް، ޕްރެޒެންޓޭޝަން ހުށައެޅުއްވި މުއައްސަސާތަކުންނާއި އަދި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރައްވާފައިވެއެވެ.

މިމަސައްކަތު ބައްދަލުވުން އިފްޠިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް ވަނީ މިހާރަކަށް އައިސް މުޖްތަމަޢުން ފެންނަ ބައެއް ނޭދެވޭކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި، މިކަންކަމުގައި އެކިފަރާތްތަކުން އަދާކުރެވިދާނެ ދައުރާބެހޭގޮތުން ވާހަކަދައްކަވާފައެވެ. މުޖްތަމަޢުގައި ހުންނަ މިފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް، އެވާހަކަތައް ދައްކާނެ މީހުން މިއަދުގެ މުޖްތަމަޢުގައި މަދުވަމުންދާކަން ކައުސިލްގެ ރައީސްގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި މާދަމާ ކުރިޔަށް ގެންދަވާނީ ހޯމް މިނިސްޓްރީގެ އެކި ޑިޕާޓްމެންޓްތަކުން ޕްރެޒެންޓޭޝަންތައް ހުށައެޅުއްމާއި ބައިވެރިންގެ ސުވާލާއި ޖާވާބުގެ ބައިކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.