މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުގައި ވާދަވެރި ޕާކިސްތާން އަތުން މުބާރާތް ބާއްވާ ޤައުމު ކަމަށްވާ އިންޑިއާ މޮޅުވެއްޖެއެވެ.
އެހެމްދަބާދުގައި ހުންނަ ނަރެންދުރަ މޯދީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޑިއާ މޮޅުވީ ހަތް ވިކެޓުންނެވެ. މިއީ އެއް ދުވަހުގެ ބައިނަލްއަޤުވާމީ ކްރިކެޓް ވޯލްޑް ކަޕުގެ ތާރީޚުގައި ޕާކިސްތާނުގެ މައްޗަށް އިންޑިއާ ކުރިހޯދި އަށްވަނަ ފަހަރެވެ.
މި މެޗުގެ ގުރު ދިމާވުމުން އިންޑިއާއިން ނިންމީ ހޮވުމަށެވެ. އެއާއެކު ޕާކިސްތާން އެންމެ ފުރަތަމަ ކުޅެން އަރައި 42.5 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 191 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 58 ބޯޅައިން ހާފް ސެންޗަރީއެއް ހެދި ޓީމުގެ ކެޕްޓަން ބާބަރު އާޒާމް އާއި 69 ބޯޅައިން 49 ލަނޑު އެއްކުރި މުޙައްމަދު ރިޒްވާނެވެ.
މި އިނިންގްސްގައި އިންޑިއާގެ ޖަސްޕްރީތު ބުމްރާ ވަނީ ހަތް އޯވަރުގެ ތެރޭގައި 19 ލަނޑަށް ދެ ވިކެޓް ނަގާފައެވެ. އަދި އެ ޓީމުގެ މުޙައްމަދު ސިރާޖް އާއި ހާޑިކް ޕާންޑްޔާގެ އިތުރުން ކުލްދީޕް ޔާދަވް އަދި ރަވިންދުރަ ޖަޑޭޖާވެސް ވަނީ ކޮންމެ އުކުންތެރިއަކު ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި އިންޑިއާ ކުޅެން އަރައި އެ ޓީމުން ވަނީ 30.3 ވަނަ އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 192 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 63 ބޯޅައިން 89 ލަނޑު ހެދި ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާއެވެ.
10 ޤައުމު ވާދަކުރާ މި މުބާރާތުގައި އިންޑިއާއިން މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުއެވެ. އަދި ޕާކިސްތާން އޮތީ ތާވަލުގެ ހަތަރުވަނައިގައި ތިން މެޗުން ހަތަރު ޕޮއިންޓާއެކުއެވެ.