ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުން ފަހަތުން އަރައި އެމެރިކާ ބަލިކޮށްފިއެވެ.
އެމެރިކާގައި ޖަރުމަނުން ކުރިއަށްގެންދާ ޓުއާގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ޖަރުމަން މޮޅުވިއިރު، މިއީ އެ ޓީމުގެ ކޯޗުގެ މަޤާމާ ނާގަލްސްމަން ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ޖަރުމަނުގެ ޤައުމީ ޓީމުގެ ކޯޗުކަން ހުސްވީ އެ މަޤާމުގައި ކުރިން ހުރި ހަންސީ ފްލިކް މަޤާމުން ވަކިކުރުމުންނެވެ. ފްލިކް މަޤާމުން ވަކިކުރި މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ޖަޕާނާ ދެކޮޅަށް ކުޅުނު ބައިނަލްއަޤުވާމީ އެކުވެރިކަމުގެ މެޗުގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުންނެވެ.
ރޭ ކުޅުނު މެޗުގައި ޖަރުމަނުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެމެރިކާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކްރިސްޓިއަން ޕުލިސިކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިތުބާރު މިޑްފީލްޑަރު އިލްކާއީ ގުންޑޮގާނެވެ.
މި މެޗުގައި ޖަރުމަނުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. ރޮބިން ގޮސެންސްގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ފުލްކުރުގެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ ވަނީ ޖަރުމަނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މި މެޗުން ޖަރުމަން މޮޅުވިއިރު، އެމެރިކާގައި ކުރިއަށްގެންދާ ޓުއާގައި އަންނަ ބުދަ ދުވަހު ޖަރުމަން ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.