ޚަބަރު

ނަބީލް މެރުމަށް ކުރި ޙުކުމް ދެމެހެއްޓުމަށް ދައުލަތުން އެދެފި


ސ. ހުޅުދޫ ލިލީމާގޭ ޢަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި ގ.ރީފް އަޙުމަދު ނަބީލް މެރުމަށް ދަށުކޯޓުން ކުރެއްވި ޙުކުމް ދެމެހެއްޓެވުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓްގައި އެދިވަޑައިގެންފައެވެ.

ޢަބްދުﷲ ފަރުހާދު މަރާލިކަމުގެ ކުށްސާބިތުވެ، ނަބީލް މެރުމަށް އޭރުގެ ކުރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވަނީ 2010 ވަނަ އަހަރުގައެވެ. ދަށުކޯޓްގެ ނިންމެވުމަށް ހައިކޯޓުން ތާއީދުކުރައްވައި، ޙުކުމްކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 25 ވަނަދުވަހުގައެވެ.

ހައިކޯޓްގެ ނިންމެވުން އިސްތިޢުނާފްކުރުމަށް ނަބީލަށް ލިބިފައިވާ 10 ދުވަހުގެ މުއްދަތު ހަމަވިއިރު އެނާގެ ފަރާތުން އެ މައްސަލަ އިސްތިޢުނާފް ނުކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ދައުލަތުގެ ފަރާތުންނެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ނަބީލު މެރުމަށް ދަށުކޯޓުން ނިންމެވި ނިންމެވުން ބާޠިލްކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އެ މައްސަލާގައި ހެކިންގެ ހެކި ބަހާއި ނަބީލްގެ އިޢުތިރާފުން ނަބީލްގެ މައްޗަށް މެރުމުގެ ކުށްސާބިތުވާ ކަމަށެވެ. މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމާލެއްވީ ޖަވާބްދާރީވުމަށް ނަބީލްގެ ވަކީލުން އެދުމުން އެ ފުރުޞަތު ދެއްވުމަށްފަހުގައެވެ.

ސ. ހުޅުދޫ ލިލީމާގޭ ޢަބްދުﷲ ފަރުހާދަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައިވަނީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީމަގުގައި 2009 ވަނަ އަހަރުގެ މާރޗްމަހުގެ 8 ވަނަދުވަހުގެ ރޭ އެގާރަ ޖަހާކަންހާއިރުއެވެ. މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭގޮތުން އެކުލަވާލެއްވި ޤަވާޢިދުގައި ބުނެފައިވަނީ މަރުގެ އަދަބު މީހެއްގެ މައްޗަށް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމެވުމުން ކަމަށެވެ. އެހެންކަމުން މިއީ، ނަބީލަށް މަރުގެ އަދަބުން ސަލާމްތަވުމަށް ލިބިގެންދާނެ އެންމެ ފަހުގެ ފުރުޞަތެވެ.

މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން މެރުމަށް ޙުކުމްކުރެވޭ މީހުންގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ކުރިން ލިބިގެންވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ނިންމެވި ނިންމެވުމުގައި ވަނީ ޤަޞްދުގައި މީހަކު މަރާލި މީހަކު މެރުމަށް ކުރެވޭ ޙުކުމް ލުއިކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާކަމަށެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާބެހޭ ޤަވާޢިދު އެކުލަވާލައްވާފައިވާއިރު ހޯމް މިނިސްޓްރީން ވިދާޅުވެފައިވަނީ މަރުގެ އަދަބު ތަންފީޒްކުރުމަށް ކުރަންޖެހޭ ތައްޔާރީތައް ވެވަޑައިގެންފައިވާކަމަށެވެ.