ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލަތަކުގައި ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާ ބާވަތްތަކުގެ ކެމިކަލް ހަތިޔާރު ބޭނުން ކުރަމުންދާ ކަން ހިޔުމަން ރައިޓްސް ވޮޗް (އެޗް.އާރް.ޑަބްލިޔު)ން ހާމަކޮށްފިއެވެ. އެޗް.އާރް.ޑަބްލިޔުއަކީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.
އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި, ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުން ފޭބުމަށް ޔަހޫދީ އިސްރާޢީލުން ވަނީ ޣައްޒާގެ މުސްލިމުންނަށް އަންގައި, 24 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. ޔަހޫދީންގެ ހަމަލަތަކުން ސަލާމަތްވުމަށް ޢައްޒާގެ އުތުރުގެ ސަރަޙައްދުތަކުން ފައިބަން މަސައްކަތް ކުރަމުންދާ މުސްލިމުންނަށް ވެސް ޔަހޫދީ އަސްކަރިއްޔާއިން ދަނީ ހަމަލަ ދެމުންނެވެ.
މި ފަދަ އެއް ހަމަލާގައި 70 މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިން ކަމުގައި ޙަމާސްއިން ބުނެއެވެ. ޔަހޫދީ އިސްރާޢީލުގެ އުދުވާންތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 1,799 އަށް އަރާފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު 6,388 އަށް އަރައެވެ. ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ޙަމާސް ޖަމާޢަތުގެ މުޖާހިދުން ކުރަމުންދާ ޖިހާދުގައި މަރައިލާފައިވާ ޔަހޫދީންގެ ޢަދަދު 1,300 އަށް އަރާއިރު, އިތުރު 3,000 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ހަނގުރާމައިގެ ބޭނުންކުރުން ބައިނައަޤުވާމީ ޤާނޫނުތަކުން މަނާ ކޮށްފައިވާ ނުރައްކާތެރި ކެމިކަލް ހަތިޔާރެއް ކަމުގައިވާ "ވައިޓް ފޮސްފޮރަސް" ބޮން ބޭނުން ކޮށްފައިވާ ކަމަށް އެޗް.އާރް.ޑަބްލިޔުއިން ބުނެއެވެ. ލުބުނާނަށް ޔަހޫދީ އިސްރާޢީލުން ދެމުންދާ ހަމަލަތަކުގައި ވެސް ކެމިކަލް ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި އެ ޖަމާޢަތުން ބުނެއެވެ.
އެޗް.އާރް.ޑަބްލިޔުން ބުނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރަން ފެށުމާ އެކު, އެ މީހުންނަށް އިތުރު ނުރައްކަލަކާއި ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަދި, ޣައްޒާ ސިޓީއަށް ދިން ހަމަލައެއްގެ އިތުރުން އިސްރާޢީލާއި ލުބުނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ދެ ސަރަޙައްދަކަށް ހަމަލަދޭން ޔަހުދީ އިސްރާޢީލުން ވައިޓް ފޮސްފޮރަސް ބޮން ބޭނުން ކޮށްފައިވާ ކަމުގައެވެ.
ވައިޓް ފޮސްފޮރަސް ބޮމަކީ އެންމެ ނުރައްކާތެރި ހަތިޔާރުތަކުގެ ތެރޭގައި ބެލެވޭ އެއް ހަތިޔާރެވެ. އަދި, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ހަމަލަދިނުމުގައި ބޭނުން ކުރުން ބައިނަލްއަޤުވާމީ ޤާނޫނުތަކުން މަނާކޮށްފައިވާ ފަނާކުރަނިވި ހަތިޔާރެކެވެ. ވައިޓް ފޮސްފޮރަސް ބޮމެއް ގޮއްވައިލުމުން, އޭގައި ހިމެނޭ މާއްދާތައް ޖެހޭ ކޮންމެ އެއްޗެއްގައި ހުޅުހިފައި, އަނދައި ހުލިވެއެވެ. އަދި, އިންސާނުންގެ ހަމުގައި އެ މާއްދާ ޖެހޭ ކޮންމެ ތަނެއް ފިހި, އުމުރު ދުވަހަށް އޭގެ އަސަރު ކުރެއެވެ. ވައިޓް ފޮސްފޮރަސްގައި ހިފާ ހުޅުގަނޑު އަނދަނީ 800 ޑިގްރީ ސެލްސިއެސްއަށްވުރެ މަތީ ހޫނުމިނެއްގައެވެ.
އެޗް.އާރް.ޑަބްލިޔުގެ މިޑްލް އީސްޓް އެންޑް ނޯތް އެފްރިކާ ޑިރެކްޓަރ ލަމާ ފާކިޙް ވިދާޅުވީ, ޔަހޫދީ އިސްރާޢީލުން މި ފަދަ ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް ބޭނުންކޮށް, ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާ ކުރަމުންދާ ކަމުގައެވެ. އަދި, މި ހަމަލަތަކުގެ ޝިކާރައަކަށްވާ މީހުންނަށް އުމުރު ދުވަހުގެ ވޭނާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި މި ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރުމަކީ މަނާ ކަމެއް ކަން ފާހަގަކޮށް, އޭނާ ވަނީ ޔަހޫދީ އިސްރާޢީލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އެޗް.އާރް.ޑަބްލިޔުން ބުނީ, އޮކްޓޯބަރު 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ޔަހޫދީ އިސްރާޢީލުން ވައިޓް ފޮސްފޮރަސް ބޮން ބޭނުން ކޮށްފައިވާ ކަން އެ ޖަމާޢަތަށް ކަށަވަރު ކުރެވޭ ކަމުގައެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އުދުވާނެއް ފަށާފައިވާއިރު, ފާއިތުވި ހަތް ވަރަކަށް ދުވަހުގެ ތެރޭގައި ޣައްޒާއަށް 6,000 އަށްވުރެ ގިނަ ބޮން އަޅާފައިވެއެވެ. އަދި, 3,600 އަށްވުރެ ގިނަ ޢިމާރާތް ސުންނާފަތި ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރާއި ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކެވެ.
މީގެ އިތުރުން ރެފިއުޖީ ކޭމްޕުތަކަށް ވެސް ޔަހޫދީ އިސްރާޢީލުން ދަނީ ވައިގެ ހަމަލަތައް އަމާޒު ކުރަމުންނެވެ. މި ގޮތުން ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް ދިން ނުރައްކާތެރި ވައިގެ ހަމަލަތަކެއްގައި ފަލަސްޠީނުގެ 250 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރެއިން 44 މީހުންނަކީ އެއް ޢާއިލާއެއްގެ މެންބަރުންނެވެ. މި ހަމަލަތަކުގައި އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.