ޚަބަރު

އިމްރާނަށް އިއްވި ޙުކުމް ބާޠިލުކޮށްދެއްވުމަށް ހައިކޯޓުގައި އެދެފި


ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ގެ މައްޗަށް ދަށުކޯޓުން އިއްވަވާފައިވާ ބާރަ އަހަރުގެ ޖަލު ޙުކުމް ބާޠިލްކޮށްދެއްވުމަށް ޢިމްރާން ޢަބްދުﷲ ގެ ފަރާތުން ހައިކޯޓްގައި އެދިވަޑައިގެންފިއެވެ.

ޓެރަރިޒަމްގެ ކުށްސާބިތުވެ ދަށުކޯޓުން އިއްވެވި ޙުކުމް ބާޠިލްކޮށްދެއްމަށް ޢިމްރާންގެ ފަރާތުން ހައިކޯޓްގައި 12 ނުކުތާއެއް ފާހަގަކުރައްވާފައިވެއެވެ.

 ޢިމްރާންގެ ފަރާތުން ހުށަހެޅުއްވި އިސްތިޢުނާފް މައްސަލައިގެ ބޭއްވެވި ފުރަތަމަ އަޑުއެހުމުގައި މިއަދު ވާހަކަ ދައްކަވަމުން އޭނާގެ ވަކީލުން ވިދާޅުވީ ދަށުކޯޓުން މައްސަލަ ނިންމެވި ގާޒީ މައްސަލަ ނިންމެވީ ވަކިގޮތެއް ކަނޑައަޅުއްވައިގެން ކަމަށެވެ. އަދި މުޒާހަރާގައި ހިނގި ހަމަނުޖެހުންތައް ހިންގާފައިވަނީ ޢިމްރާން ދެއްކެވި ވާހަކަތަކުން ކަމަށް ފަނޑިޔާރަށް ޤަބޫލްކުރެވޭކަމަށް ޙުކުމްގައި ބަޔާންކުރައްވާފައި ވީނަމަވެސް އެ ގޮތެއް ޙުކުމްގައި ބަޔާންކުރައްވާފައި ނުވާކަމަށެވެ.

މީގެއިތުރުން މުޒާހަރާގައި އެތައް ބަޔަކު ވާހަކަދެއްކިއިރު ހަމަނުޖެހުން ހިނގީ ޢިމްރާންގެ ވާހަތަކުންކަން އެގެންނެތް ކަމަށްވެސް އޭނާގެ ދިފާޢީ ވަކީލުން ވިދާޅުވިއެވެ.

ދިފާޢީ ވަކީލުންގެ ވާހަކަތަކަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ މޭޑޭގެ މުޒާހަރާގައި ޢިމްރާން ވާހަކަދެއްކެވީ ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭގޮތަށްކަމަށެވެ. އަދި އެ އެއްވުމުގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް އިމްރާން މަސައްކަތް ނުކުރައްވާ ކަމަށާއި ބައެއް ފަހަރު ހަމަނުޖެހުން ނުހިންގުމަށް ގޮވާލެއްވި ނަމަވެސް އަނެއް ބައިފަހަރު ހަމަނުޖެހުން ހިންގުމަށް ގޮވާލެއްވިކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލެއްވީ ދައުލަތުގެ ވާހަކަތަކަށް ޖަވާބްދާރީވުމަށް ޢިމްރާންގެ ވަކީލުންނަށް ފުރުޞަތު ދެއްވުމަށްފަހުގައެވެ.

އިމްރާންގެ މައްސަލަ ކްރިމިނަލް ކޯޓްގައި ފެއްޓެވިއިރު އެ މައްސަލަ ބެއްލެވި ބެންޗްގައި ތިއްބެވި 2 ފަނޑިޔާރުން ކަމަށްވާ ޝުޖާޢު ޢުޘްމާނާއި ޢަބްދުﷲ ދީދީ، އެ މައްސަލަ ބައްލަވައި، ހައިކޯޓްގެ ބެންޗުގައިވެސް ތިއްބެވުމުން ޢިމްރާންގެ ފަރާތުން އެކަން އިޖްރާޢީ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އެހެންމަވެސް ހައިކޯޓުން ނިންމެވީ އެ ދެބޭފުޅުން ދަށުކޯޓްގެ ބެންޗުގައި ތިއްބެވިއިރު އެ މައްސަލައިގެ މަވްޟޫޢަށް ވާހަކަ ދެކެވިފައިނުވާތީ، އެ މައްސަލަ ބައްލަވާ ހައިކޯޓްގެ ބެންޗްގައި ތިއްބެވުމަކީ މައްސަލައެއް ނޫންކަމަށެވެ.