ޚަބަރު

ޕާކިސްތާނާއިއެކު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރަނީ


ޕާކިސްތާނާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް ދެޤައުމުން މަސައްކަތްކުރަމުން ގެންދާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ ހަތްދިހަ ހަވަނަ ޕާކިސްތާން ދުވަސް ފާހަގަކުރުމަށް ރޭ މާލޭގެ ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕާކިސްތާނުގެ 76ވަނަ ޖުމްހޫރީދުވަސް ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނަކީ ޒަމާނުއްސުރެން ގާތްގުޅުމެއް ބާޢްވަމުން އަންނަ ދެޤައުމުކަމަށެވެ. އަދި މިގުޅުމަކީ އިސްލާމީ އަޤީދާއާއި، ސަރަހައްދީ ގޮތުން ކައިރިވުމުގެ އިތުރުން އެއްޤައުމު އަނެއް ޤައުމަށް ކުރާ އިހްތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރުގެ މޭމަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން ދެޤައުމުގެ މެދުގައި އޮތް އިޤްތިޞާދީ އަދި އެހެނިހެން ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެފަރާތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ދަރިވަރުންނަށް ޞިއްޙީ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަންވެސް މިނިސްޓަރ އުމަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ވާހަކައިގައިވަނީ ރާއްޖެއާއި ޕާކިސްތާނަކީ ސަރަހައްދުގެ ކުރިއެރުވުމަށް، ހާއްސަކޮށް ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކްގެ ކުރި އެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދެޤައުމްކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އުމަރު ނަސީރުގެ ވާހަކައިގައިވަނީ ޕާކިސްތާނަކީ އެޤައުމަށް ދިމާވާ ކޮންމެ ކަމަކުން އަރަގަތުމަށް، ހިއްވަރާއިއެކު މަސައްކަތްކުރާ ލާމަސީލު ޤައުމެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި މީގެ 50 އަހަރު ކުރިން ރާއްޖެއާއި އެކު ސިޔާސީ ގުޅުން ޤާއިމް ކުރެއްވި ހިސާބުން ފެށިގެންވެސް ޕާކިސްތާނުންދަނީ ރާއްޖެއަށް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ވެދެއްވަމުންކަން ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ރާއްޖޭގެ ރައްޔިތުން އަދި އަމިއްލަ ނަންފުޅުގައި ރާޢްޖެއަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެއަށް ޕާކިސްތާނަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު، ސައެދް ހަވާރް އަލީ ޝާހް ވިދާޅުވީ ރާއްޖޭއާއި ޕާކިސްތާނާއި ދެމެދު އޮތް ގާތްގުޅުމަކީ ލާމަސީލު ގުޅުމެއްކަމަށެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެކަމަށް ހައިކޮމިޝަނަރ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއަކީ މިސަރަހައްދުގައިވެސް ތަޢުލީމާއި، ބޭސްފަރުވާގެ ދާއިރާއިން ބޮޑެތި ކުރިއެރުމެއް ހޯދާފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، ހައިކޮމިޝަނަރ ވަނި މިކަމަށް ތައުރީފްކުރައްވާފައެވެ.

ހައިކޮމިޝަނަރ ވަނީ މިއަހަރުގެ ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެއަށް ޒިޔާރަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އުރުދޫ ބަހާއި ދިވެހި ބަހާއި ހުރި ގުޅުން ތަކުގެ މައްޗަށް ދިވެހި ބަހުގެ އެކަޑަމީއިން މިއަހަރު ތެރޭގައި ދިރާސާ ކުރައްވާނެކަމަށްވެސް ހައިކޮމިޝަނަރ ވިދާޅުވިއެވެ.