ކުޅިވަރު

ފަހު ވަގުތު ބަންގްލަދޭޝްއިން ރާއްޖެއާ އެއްވަރުކޮށްފި


ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝްއިން ފަހު ވަގުތު ރާއްޖެއާ އެއްވަރުކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މިއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މާލޭގައި ބަންގްލަދޭޝް އާއި ރާއްޖެ 1-1 އިން އެއްވަރުވި ފަހުން، ބަންގްލަދޭޝްއިން މާލޭގައި ކުޅެ ރާއްޖެއާ އެއްވަރުކުރި ފުރަތަމަ ފަހަރެވެ. އެ މެޗުގެ ފަހުން ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މި ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށެވެ. އެގޮތުން އޭނާ ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ގޯލްކީޕަރު މިތުލް މަރްމާ އަތުގައި ޖެހިފައި އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އަދި މި ހާފުގައި ބަންގްލަދޭޝްއަށްވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ރާއްޖެއިން ލީޑު ނެގީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. އޭރިއާތެރެއިން ބަންގްލަދޭޝް ޑިފެންޑަރުން އަތުން ލިބުނު ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލަކަށް ކުޅެން އެރި ހަސަން ނަޒީ (ޗޯޓު) އެވެ. އެކަމަކު އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބަދަލަކަށް ކުޅެން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ލަނޑު ޖަހައިދިނީ ސާދު އުއްދީނެވެ.

މި މެޗު އެއްވަރުވުމާއެކު، މި މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ ދެވަނަ ލެގުން މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ.