ވިޔަފާރި

ރިސޯޓުތަކުން ލިބޭ ޑޮލަރު ރާއްޖޭގައި ރީ-އިންވެސްޓްކުރުން މުހިންމު


ރާއްޖޭގެ ރިސޯޓުތަކުން ލިބޭ ޑޮލަރު ބޭރުގެ އެކައުންޓުތަކަށް ޖަމާކުރުމުގެ ބަދަލުގައި ރާއްޖޭގައި އަލުން ނުވަތަ ރީ-އިންވެސްޓްކޮށްފިނަމަ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާވެ ޑޮލަރުގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޑރ.ޢަޒީމާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ހަމަޖެހިފައި އޮވެގެނެ މެނުވީ އެ ފައިސާ ރާއްޖޭގައި ނުހިފެހެއްޓޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޑރ.ޢަޒީމާ އާދަމް ހާޟިރުކުރައްވާފައިވަނީ ލައިސެންސް ނެތި ރާއްޖޭގެ ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލާގައި އެކަން ހުއްޓުވޭނެ ގޮތްތަކެއް ސާފުކުރެއްވުމަށްތަކައެވެ. މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ޢަޒީމާ ވިދާޅުވީ، ޑޮލަރުގެ މައްސަލަ އެއްކޮށް ހަމަޔަކަށް އެޅުވުމަށް ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް މިހާރަށް ވުރެވެސް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހޭކަމަށެވެ. އެގޮތުން މާލީ ދާއިރާއަށް އޮންނަ އިތުބާރު އިތުރުކުރަންޖެހޭކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ސެކްޓަރ ކަމަށްވާ، ރިސޯޓް އޯނަރުން ރާއްޖޭގައި ފައިސާ ނުބަހައްޓާ ބޭރަށް ގެންދާ މައްސަލަ ގަދަކަމުން ހައްލު ކުރުމުގެ ބަދަލުގައި އެ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ފަހިކުރަންޖެހޭކަމަށެވެ.

ރާއްޖެއަކީ ހުޅުވާލެވިފައިވާ އިޤްތިޞާދަކަށްވާއިރު، އެފައިސާއިން އަލުން ރާއްޖޭގައި އިންވެސްޓްކުރެވޭނެ ގޮތްތަކެއް ފަހިކުރުމުން މެނުވީ އެ ފައިސާ ރާއްޖޭގައި ނުހިފެހެއްޓޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ވަނީ ރާއްޖޭގެ ބެންކުތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށާއި އާސަންދަ އަށް އެމްއެމްއޭއިން ޑޮލަރު ވިއްކުމާބެހޭ ތަފްސީލް ހިއްސާކުރައްވާފައެވެ. ބްލެކް މާކެޓު ތެރެއިން ޑޮލަރު ވިއްކުމުގެ މައްސަލަ ކުޑަ ކުރުމަށް ރާއްޖޭގެ ބޭންކުތަކަށް މިހާރު ވެސް ކޮންމެ ހަފްތާއަކު 4.3 މިލިއަން ޑޮލަރު ދޫ ކުރައްވާކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ބޭންކުތަކަށް 213 މިލިއަން ޑޮލަރު އަދި ސަރުކާރުގެ ކުންފުނިތަކަށް 148 މިލިއަން ޑޮލަރު ވިއްކި އިރު ސަރުކާރުގެ ލޯނުތައް އަދާކުރުމަށް 157 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އެއީޖުމްލަ 518 މިލިއަން ޑޮލަރެވެ.

ބޭރަށް ދަތުރު ކުރާ ފަރާތްތަކަށާއި މެޑިކަލް އަދި ކިޔަވަންދާ ކުދިންނަށްޚާާއްސަކޮށް އިތުރު އެއް މިލިއަން ޑޮލަރު ވަކިން ވިއްކަން ނިންމާފައިވާނެ ކަމަށާއި، އަހަރުގެ ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް އަދި ހައްޖާއި އުމްރާ އަށް މީހުން ފުރާ ދުވަސްވަރާ ދިމާކޮށް ބޭންކުތަކަށް ވިއްކަން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ވެސް ޑޮލަރު އެމްއެމްއޭ އިން ވިއްކާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވަނީ، އެމްއެމްއޭއާއި ފައިނޭންޝިއަލް ސެކްޓަރގެ އިތުބާރު ގެއްލޭނެ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށް ސިޔާސީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އިތުބާރު ގެއްލިއްޖެނަމަ އެ އިތުބާރު އަނބުރާ ނުހޯދޭނެ ކަމަށާއި، އެފަދަ ނިޒާމެެއްގެ އިތުބާރު ގެއްލިއްޖެނަމަ ގެއްލުންވާނީ ޤައުމަށްކަމަށް ގަވަރުނަރު ޑރ.އަޒީމާ އާދަމް ފާހަގަކުރެއްވިއެވެ.