ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، މިހާރު ކުރިއަށްދާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަމުންދާ ތައްޔާރީތަކަށް ވަރަށް ބޮޑަށް ވަރޯސާވާ ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.
ޤައުމީ ޓީމުގައި މާޒިޔާގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، ދާދި ފަހުން މާޒިޔާއިން ވަނީ ޤައުމީ ފުޓްބޯޅަ ދަނޑުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ފުރަތަމަ ލެގުގައި ރާއްޖެއިން އަމިއްލަ ދަނޑުގައި ބަންގްލަދޭޝާ ދެކޮޅަށް މިއަދު ނުކުންނައިރު، މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ވަނީ މާޒިޔާގެ ތައްޔާރީތަކުގެ ވާހަކަ ވަރަށް ބޮޑަށް ހިއްސާކޮށްފައެވެ.
ސުޒެއިން ބުނީ އޭއެފްސީ ކަމަށް މާޒިޔާއިން ވަމުން އަންނަ ތައްޔާރީތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށާއި، ސަބަބަކީ ޤައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑުގައި މާޒިޔާއަށް ނިސްބަތްވާ 15 ކުޅުންތެރިން ތިބުން ކަމަށެވެ. އަދި މާޒިޔާގެ ތައްޔާރީތަކަކީ ޤައުމީ ޓީމަށްވެސް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ޤައުމީ ޓީމާ ސުޒެއިން މި ވަގުތު ހަވާލުވެހުރިއިރު، 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ޓީމުގެ ހެޑް ކޯޗުކަން ކުރި ސުޒެއިނަކީ ޤައުމީ ޓީމަށް އެންމެ ފަހުން އިރުޝާދުދިން ދެ ބިދޭސީ ކޯޗުން ކަމަށްވާ މާޓިން ކޫޕްމަން އާއި ފްރެންޗެސްކޯ މޮރިއޭރޯގެވެސް އެސިސްޓަންޓް ކޯޗެވެ.
ސުޒެއިން ބުނީ ރާއްޖޭގެ ފުޓްބޯޅައިގައި ޚާއްސަކޮށް ޤައުމީ ޓީމަށް ކޮންމެ ފަހަރަކުވެސް އުނދަގޫ ހާލަތެއް އަންނައިރު، ޓީމާ ހަވާލުވެ ހުންނަން ޖެހެނީ ދިވެހި ކޯޗެއް ކަމަށެވެ. އަދި ފުޓްބޯޅަ މި އޮތް ހާލަތުގެ ތެރެއިން މި ލިބުނު ވަގުތަށް ބަލާއިރު އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި، ބަންގްލަދޭޝާ ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޝައްކެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.
ސުޒެއިނުގެ ކޯޗުކަމުގައި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އެ ފަހުން މިދިޔަ އަހަރުގެ މާޗު މަހު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗަކުން ރާއްޖެއިން 2-0 އިން ބަންގްލަދޭޝް ބަލިކުރިއިރު، ސުޒޭން ހުރީ މޮރިއޭރޯގެ އެސިސްޓަންޓް ކޯޗަކަށެވެ. އެކަމަކު އޭގެ ކުރިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޯ ނޭޝަންސް ކަޕުގައި ބަންގްލަދޭޝްއިން ރާއްޖެ ބަލިކުރި އިރާއި، މިދިޔަ ޖޫން މަހު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝްއިން ރާއްޖެ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، އޭރުގެ ކޯޗު މޮރިއޭރޯގެ އެސިސްޓަންޓަކަށް ހުރީވެސް ސުޒެއިނެވެ.