ޚަބަރު

ޤައުމުގެ މައްސަލަތަކާމެދު ވިސްނައި ޙައްލުކުރުމުގެ ބައިވެރިއަކަށްވުން މުހިންމު: ނާއިބު ރައީސް


  • ޤައުމު ކުރިއަރުވާ ޚިދުމަތް ކުރުމުގެ ޒިންމާ ކޮންމެ މީހަކަށްވެސް އެބައޮތް

  • ކޮންމެ ކުއްޖަކީވެސް ނަމޫނާ ކުއްޖަކަށްވުމަށް

  • ކޮންމެ ކުއްޖަކީވެސް ޤައުމަށް ޚިދުމަތްކުރާ ކުއްޖަކަށްވުމަށް

ކޮންމެ މަޤާމެއްގައި ހުރިނަމަވެސް ޤައުމުގެ މައްސަލަތަކާއިމެދު ވިސްނާ، އެކަންތައްތައް ޙައްލުކުރުމުގެ ބައިވެރިއަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިފަދައިން ގޮވާލެއްވީ އިސްކަންދަރު ސްކޫލްގެ އެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވީ ކޮންމެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްނަމަވެސް، ޤައުމު ކުރިއަރުވާ ޚިދުމަތް ކުރުމުގެ ޒިންމާ އެމީހަކަށް އޮތްކަމަށެވެ. އެގޮތުން ޤައުމުގައި ހިނގާ ކަންތައްތައް ހައްލުކުރުމަށް ފައިދާވާނެގޮތަކަށް ވިސްނާ އެކަންކަން ހައްލުކުރުމުގެ ބައިވެރިއަކަށް ވާންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނޫންނަމަ ކިތަންމެ ގިނަ ވެރިކަމެއް ނިމިގެންދިޔަނަމަވެސް އެފަދަ ނޭދެވޭ ކަންތައްތަކަށް އެކަށީގެންވާ ހައްލެއް ނާންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނާއިބު ރައީސް ވަނީ ތަޙްޒީބު މުޖުތަމަޢުއެއް ބިނާކުރުމަށް ހުރިހާކަމެއްގައިވެސް ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"ކިތައްމެ ގިނަ 5 އަހަރެއްވެސް ނިމިގެން ހިނގައިދޭނެ. ކިތަންމެ ގިނަ ރައީސުންތަކެއް ބަދަލުވިނަމަވެސް ކަންކަން ހައްލުކުރުމަށް މަސައްކަތް ނުކުރާނަމަ އެންމެ އެދެވޭ ނަތީޖާއަށް ނާންނާނެ. ޤައުމަށްޓަކައި، ރައްޔިތުންނާއި އެންމެންގެ ހިމާޔަތަށް މަސައްކަތްކުރަން ޖެހޭ" ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

މި ޖަލްސާގައި ދަރިވަރުންނާ މުޚާތަބުކުރައްވާ ނައިބު ރައީސް ވަނީ ކޮންމެ ކަހަލަ މާހައުލެއްގައި އުޅެންޖެހުނުނަމަވެސް ލީޑަރަކަށް ވާން ބޭނުންވާ ކުއްޖާ، ލީޑަރެއްގެ ކިބައިގައި ހުންނަ ސިފަތަކާ އެއްގޮތަށް ދިރިއުޅުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެގޮތުން ހުރިހާ ފިކުރެއްގެ ކުދިންނާ ގުޅިގެން މަސައްކަތް ކުރުމަށާއި، ހުރިހާ ކަމެއްގައިވެސް ކުދިން ޝާމިލްކުރުމަށާއި، އެންމެންނަށްވެސް ހިތްހެޔޮ ކުދިބަޔަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނައިބް ރައީސް ވިދާޅުވީ އަދުގެ ދަރިވަރުން އެންމެ ބޮޑު އިސްކަމެއް ދޭންވީ އެއްކަމަކީ ސްކޫލް ނިމުމުގެ ކުރިން ކޮންމެވެސް މަސައްކަތެއް ދަސްކުރުމަށްކަމަށެވެ. އަދި ހުނަރުވެރި، މަސައްކަތަށް މޮޅެތި ކުދިބަޔަކަށްވެ، ޤައުމަށް ޚިދުމަތް ކުރުމަށް ނުކުތުމަށް އަމާޒުހިފުމަށް ދަރިވަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"މިއަދުގެ ކިޔަވާ ކުދިން އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރާ މުޅިން ތަފާތު. ވަޞީލަތްތައް މާގިނަ. ވަގުތުން ވަގުތަށް ބޭނުންވާ ކޮންމެ މަޢުލޫމާތެއް އެބަ ހޯދޭ. ގިނަ ކަންތައްތައް ދަސްވެސް އެބަކުރެވޭ. ތި ކުދިން މިއަދު ވިސްނަވާ ތީގެން ކޮންމެ ކުއްޖަކީވެސް މި ޤައުމަށް ބޭނުންތެރި ކުއްޖަކަށް ވާނެ. "ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ބޭކާރު ކަންތައްތަކާ މެދު ވިސްނުމަށް ވަގުތު ހޭދަކުރުމުމުގެ ބަދަލުގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް ބޭނުންތެރި ވަގުތުތަކަކަސް ހެދުމަށްވެސް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ނަމޫނާ ދަރިވަރުންތަކަށް ވުމަށް ހެޔޮގޮތުގައި މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

މި ޖަލްސާގައި އިސްކަންދަރު ސްކޫލްގެ އެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަޞީމްއެވެ.