މިޔަންމާގެ އުތުރުގައިވާ ކަޗިން ސްޓޭޓްގެ ރަށެއް ކަމުގައިވާ ލައިޒާގައި އޮންނަ ރެފިއުޖީ ކޭމްޕަކަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލަތަކެއްގައި ޢާންމުންގެ 29 މީހުން މަރުވެއްޖެއެވެ. ލައިޒާގެ ރެފިއުޖީ ކޭމްޕަށް ހަމަލަދީފައި ވަނީ އެ ޤައުމުގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރުގެ އަމުރަށް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަމުގައި، އެ ސަރަޙައްދު ކޮންޓްރޯލް ކުރާ ހަނގުރާމަވެރިންގެ ޖަމާޢަތަކުން ބުންޏެވެ.
މިއީ, މިޔަންމާގެ އަސްކަރިއްޔާއިން ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށް މި ފަދަ ހަމަލައެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ލައިޒާއަކީ މިޔަންމާއާއި ޗައިނާއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. އެއީ, މިޔަންމާގެ ސަރުކާރާ ދެކޮޅު ޖަމާޢަތެއް ކަމުގައިވާ ކަޗިން އިންޑިޕެންޑެންސް އާމީ (ކޭ.އައި.އޭ)ގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ. ކޭ.އައި.އޭން ބުނީ, އަސްކަރިއްޔާގެ ހަމަލާގައި އިތުރު 56 މީހުން ޒަޚަމުވެފައިވާ ކަމުގައެވެ.
ކޭ.އައި.އޭގެ ތަރުޖަމާނު ކާނަލް ނާގު ބޫ ބުނީ ރެފިއުޖީ ކޭމްޕަށް ހަމަލަ ދީފައި ވަނީ ރޭގަނޑުގެ ވަގުތުގައި ކަމުގައެވެ. އަދި, މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އުރުމުން ދުވަސްވީ މީހުން ހިމެނޭ ކަމުގައި އޭނާ ބުންޏެވެ. ކޭމްޕަށް ހަމަލަ ދީފައި ވަނީ ޑްރޯނެއް ބޭނުން ކޮށްގެން ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.
ހަމަލަ ދީފައިވާ ކޭމްޕުގެ ގިނަ ޢިމާރާތްތަކަކީ ދަނޑިފަނާއި ލަކުޑިން ހަދާފައިވާ ޢިމާރާތްތަކެކެވެ. ހަމަލައަށް ފަހު ގަނާފައިވާ ވީޑިޔޯތަކެއް ޢާންމު ކޮށްފައިވާއިރު, އެއިން ފެންނަނީ, ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި މަރުވެފައިވާ މީހުންގެ ހަށިތައް ނަގަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރެވެ. ކާނަލް ނާގު ބޫ ބުނީ, މި ހާދިސާގައި ޒަޚަމުވެފައިވާ 42 މީހަކަށް ލައިޒާގެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގައެވެ.
ލައިޒާގެ ރެފިއުޖީ ކޭމްޕަށް މިޔަންމާގެ އަސްކަރިއްޔާއިން ހަމަލައެއް ދީފައިވާ ކަން އެ ޤައުމުގެ ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. މިޔަންމާ ސަރުކާރުގެ ތަރުޖަމާނު ޒާއު މިން ތުން ބުނީ, ލައިޒާއަށް ހަމަލައެއް ދީފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށާއި, އެ ކަން ތަހުޤީޤު ކުރަމުންދާ ކަމުގައެވެ. ބެލެވޭ ގޮތުގައި, ލައިޒާގައި ހާދިސާއެއް ހިނގާފައި ވަނީ ހަތިޔާރު ބަހައްޓާފައިވާ ގުދަނެއްގައި އެއްޗެއް ގޮވުމުން ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.
ލައިޒާއަށް ހަމަލައެއްދީ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލުމާ ގުޅިގެން އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, ރެފިއުޖީ ކޭމްޕަށް ހަމަލަ ދިނުމުގެ ފަހަތުގައިވާ ބަޔަކު ހޯދައި, އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ. ބައެއް ޤައުމުތަކުން ވެސް މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކަޗިން ސްޓޭޓަކީ 10,000 އެއްހާ ރެފިއުޖީން ދިރިއުޅޭ ސަރަޙައްދެކެވެ. މިޔަންމާގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު އޮންގް ސަން ސޫ ކީގެ ސަރުކާރު 2021 ވަނަ އަހަރު ވައްޓައިލުމަށް ފަހު, އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ސޫ ކީއަށް ތާޢީދުކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ސޫ ކީއަށް ތާޢީދުކޮށް، އަސްކަރިއްޔާއާ ދެކޮޅަށް އަޑުއުފުލާފައިވާ ގިނަ ޢަދަދެއްގެ ބަޔަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އަދި, 4,100 އަށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނަރޒް (އޭ.އޭ.ޕީ.ޕީ)ން ބުނެއެވެ.