އިންޑިއާގައި މިހާރު ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ކުޅުނު މެޗުތަކުން އިންގްލަންޑާއި ޕާކިސްތާން މޮޅުވެއްޖެއެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗުން އިންގްލަންޑް މޮޅުވީ ބަންގްލަދޭޝާ ވާދަކޮށް 137 ލަނޑުންނެވެ.
ހިމާޗަލް ޕްރަދޭޝް ކްރިކެޓް އެސޯސިއޭޝަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ ހޮވުމަށެވެ. އެއާއެކު އިންގްލަންޑް އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 364 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 107 ބޯޅައިން 140 ލަނޑު ހެދި ޑޭވިޑް މަލަންއެވެ. އަދި އެ ޓީމުގެ ޖޯ ރޫޓް ވަނީ 68 ބޯޅައިން 82 ލަނޑު އެއްކޮށްފައެވެ.
ޖަވާބުގައި ބަންގްލަދޭޝް ކުޅެން އަރައި 48.2 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 227 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 66 ބޯޅައިން 76 ލަނޑު ހެދި ލިޓޮން ދާސް އާއި 64 ބޯޅައިން 51 ލަނޑު އެއްކުރި މުޝްފިގުރް ރަހީމެވެ.
މީގެ އިތުރުން މި މުބާރާތުގައި އިއްޔެ ކުޅުނު ދެވަނަ މެޗުން ޕާކިސްތާން މޮޅުވީ ސްރީ ލަންކާއާ ވާދަކޮށް ހަ ވިކެޓުންނެވެ.
ރަޖީވް ގާންދީ އިންޓަރނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން ލަންކާއިން އެންމެ ފުރަތަމަ ކުޅެން އަރައި 50 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 344 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 77 ބޯޅައިން 122 ލަނޑު ހެދި ކޫސަލް މެންޑިސް އާއި 89 ބޯޅައިން 108 ލަނޑު އެއްކުރި ސަދީރާ ސަމަރަވިކްރަމާއެވެ.
ޖަވާބުގައި ޕާކިސްތާން ކުޅެން އަރައި 48.2 ވަނަ އޯވަރުގައި ވަނީ ހަތަރު ކުޅުންތެރިން ނުބައިވެގެން 345 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 121 ބޯޅައިން 131 ލަނޑު ހެދި މުޙައްމަދު ރިޒްވާނާއި 103 ބޯޅައިން 113 ލަނޑު އެއްކުރި އަބްދުﷲ ޝަފީގެވެ.
10 ޤައުމު ވާދަކުރާ މި މުބާރާތުގައި އިންގްލަންޑާއި ޕާކިސްތާނުންވެސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ކުޅުނު ދެ މެޗުންވެސް މޮޅުވެ ޕާކިސްތާން އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި އިންގްލަންޑުން ފުރަތަމަ މޮޅު ހޯދިއިރު، އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.