ޚަބަރު

ޣައްޒާ ފުރަބަންދު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް: އ.ދ


ޢައްޒާގައި 2.3 މިލިޔަނަށް ވުރެ ގިނަ މުސްލިމުން ފުރަބަންދު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އ.ދގެ އިންސާނީ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ޔަހޫދީ އިސްރާޢީލުގެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. އޭނާ ޔަހޫދީ އިސްރާޢީލަށް ފާޑުވިދާޅުވެފައި މި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހަނގުރާމަ އިޢުލާނުކޮށް، އެ ސަހަރު ފުރަބަންދު ކުރުމާ ގުޅިގެން އެ ކަމާ ދެކޮޅަށް ނެރުނު ބަޔާނެއްގައެވެ.

ޣައްޒާއަށް އަރައިފޭބެން އޮންނަ ހުރިހާ މަގުތަކެއް ޔަހޫދީ އިސްރާޢީލުން ވަނީ ބަންދުކޮށްފައެވެ. އެ ސަހަރަށް ކާބޯތަކެތި އެތެރެކުރުން ވަނީ ހުއްޓުވާފައެވެ. އަދި، ފެން ވެސް ކަނޑައިލާފައިވާއިރު، ތެޔޮ އެތެރެ ކުރުމަށް ހުރަސް އަޅައި، ޣައްޒާގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ވަނީ ހުރަސް އަޅާފައެވެ. އިސްރާޢީލުން މި ހުރިހާ އަމަލެއް ހިންގާފައި މި ވަނީ، ޔަހޫދީންގެ ޖައްބާރުކަން ބޮޑުވެގެންވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށެވެ.

"ޣައްޒާ ފުރަބަންދު ކުރުމާ ގުޅިގެން އެ ތަނުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނައަށް ދަނީ ނުރައްކާވަމުން. އެ މީހުންނަށް ބޭނުންވާ ޒަރޫރީ ސާމާނާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ނެތް. ކާބޯތަކެއްޗާއި އިންސާނީ އެހީން ބަޔަކު މަހުރޫމު ކުރުވުމަކީ އިންސާނިއްޔާތާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލެއް،" ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ އަމަލުތައް ކުށްވެރި ކުރައްވައި ނެރުނު ބަޔާނުގައި ތުރްކު ވިދާޅުވިއެވެ.

"ޣައްޒާގެ ރައްޔިތުން ކުރިން ވެސް ދިރިއުޅެމުން ގޮސްފައި ވަނީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ފަދަ އަބުރުވެރި ހާލަތެއްގައެއް ނޫން. އެ މީހުން ދިރިއުޅެނީ އެއަށްވުރެ ނިކަމެތި ކަމާއި ފަގީރު ހާލުގައި. ޣައްޒާއަށް އޮތީ އިންސާނީ މުސީބާތަކާ ކުރިމަތިވެފައި. ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނެއް ވެސް ނެތް."

އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ޣައްޒާ ފުރަބަންދު ކުރުން ކުށްވެރި ކުރައްވާފައެވެ. ޔަހޫދީ އިސްރާޢީލުގެ އަމަލުތަކާ އެކު ޣައްޒާގެ މުސްލިމުންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގައި ގުތެރޭޝް ވިދާޅުވިއެވެ. އަދި، ޙަމާސް ޖަމާޢަތުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ، އެތަކެއް ޤަރުނެއް ވަންދެން ޣައްޒާގެ މުސްލިމުން އަޅުވެތި ކަމުގައި ގެންގުޅުމުގެ ސަބަބުން ކަމުގައި ވެސް ގުތެރޭޝް ވިދާޅުވިއެވެ.

ޣައްޒާ ފުރަބަންދު ކޮށްފައި މި ވަނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ޙަމާސް ޖަމާޢަތުން 'އޮޕަރޭޝަން އަޤްޞާ ފީލްޑް'ގެ ނަމުގައި ޚާއްޞަ އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން އެ ކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. މި ގޮތަށް އެހެން ދަޢުލަތެއްގެ ބަޔަކު ފުރަބަންދު ކޮށްގެން، އަޅުވެތި ކޮށްގެން ގެންގުޅުމަކީ ހަނގުރާމައިގެ ކުށެކެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ޔަހޫދީ އިސްރާޢީލުގެ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 830 އަށް އަރާފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 4,000 އަށްވުރެ އިތުރުވެފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. ޔަހޫދީ އިސްރާޢީލުގެ ލާއިންސާނީ އުދުވާންތަކުގައި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ޣައްޒާގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް މި ވަގުތު އޮތީ ފުރި ބާރުވެފައެވެ.

ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނީ، އެ ސަހަރުގައި އޮންނަ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޝިފާ ހޮސްޕިޓަލް ފުރިފައިވާ ކަމުގައެވެ. މަރުވެފައިވާ މީހުންގެ ޢަދަދު އިތުރުވެ، އެ މީހުންގެ ޖަނާޒާ ބާއްވާނެ ގޮތެއް ނެތް ކަމުގައި ވެސް ނޫސްވެރިން ބުނެއެވެ. އަދި، ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތައް ނުކުޅެދިފައިވާ ކަމުގައި ވެސް ނޫސްވެރިން ބުނެއެވެ.

ޣައްޒާގައި އެތަކެއް ސަތޭކަ ހާސް މުސްލިމުން އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އެ މީހުންނަށް އެހީގެ ސާމާނު ފޯރުކޮށްދެވޭނެ މަގުތައް ހޯދައިދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ވޯލްޑް ހެލްތް އޮގަނައިޒޭޝަން – ޑަބްލިޔު.އެޗް.އޯ)ން ވަނީ ޔަހޫދީ އިސްރާޢީލަށް ގޮވައިލާފައެވެ. ޣައްޒާގައި އޮންނަ ޞިއްޙީ ފަރުވާދޭ 13 ޢިމާރާތަކަށް ޔަހޫދީ އިސްރާޢީލުން ބޮން އަޅައި، ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް ޑަބްލިޔު.އެޗް.އޯން ބުނެއެވެ.

"ޑަބްލިޔު.އެޗް.އޯއިން މި ގޮވައިލަނީ ހަމަލަ ބަދަލު ކުރުން ވަގުތުން ހުއްޓައިލުމަށް. އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގުތައް ގާއިމު ކޮށްދިނުމަށް. ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް ފަރުވާއާއި އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދިނުމަށް،" ޑަބްލިޔު.އެޗް.އޯގެ ތަރުޖަމާނު ތާރިގް ޔަޝާރެވިޗް ވިދާޅުވިއެވެ.

އިސްރާޢީލުގެ ހަމަލަތަކުގައި ގެދޮރު ސުންނާފަތިވެގެން މަގުމަތިވެފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރާ ހަތަރު ސްކޫލަކަށް ވެސް ޔަހޫދީން ބޮން އަޅާފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އަދި، އ.ދގެ އޮފީހަކާއި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތްތަކަށް ވެސް އިސްރާޢީލުގެ ހަމަލަތައް އަމާޒު ކުރަމުންދާ ކަމުގައި އ.ދއިން ބުނެއެވެ.

އެއްގަމު މަގުން ޣައްޒާއަށް އަރައި، މުސްލިމުންގެ ލޭއޮހޮރުވައިލަން ޔަހޫދީ އިސްރާޢީލުގެ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ގޮތުން، ޣައްޒާގެ ސަރަޙައްދީ ރޮނގު ކައިރިއަށް، ބަރުހަތިޔާރާއި ގިނަ ޢަދަދެއްގެ ސިފައިން ޖަމާ ކުރަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޣައްޒާއަށް އެއްގަމު މަގުން ހަމަލަދިނުމަށް، ޔަހޫދީ އިސްރާޢީލުގެ 100,000 އަށްވުރެ ގިނަ ރިޒަރވް ސިފައިން ޖަމާކުރަން ފަށާފައިވާ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.