ޚަބަރު

މާލޭ ސިޓީގެ މޭޔަރުގެ ބައި-އިލެކްޝަން 17 ޖަނަވަރީގެ ކުރިން ބާއްވާނެ: ހަބީބު


  • ބައި-އިލެކްޝަން ބާއްވަނީ މިހާރުގެ މޭޔަރ ކުރިއަށް 5 އަހަރަށް ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގަތުމުންނެވެ

  • ގާނޫނުގައިވަނީ އިންތިޚާބީ މަޤާމެއް ހުސްވާތާ 60 ދުވަސްތެރޭ އިންތިޚާބު ބާއްވާ ނިންމަންޖެހޭ ކަމަށް

  • މިބައި އިލެކްޝަން 17 ޖެނުއަރީގެ ކުރިން ބާއްވަވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވޭ

މާލޭ ސިޓީގެ މޭޔަރުކަމުގެ ބައި-އިލެކްޝަން އަންނަ ޖަނަވަރީމަހުގެ 17ގެ ކުރިން ބާއްވަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމު ބައި-އިލެކްޝަން ބާއްވަނީ އެމަޤާމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒު ކުރިއަށް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ހޮވިވަޑައިގަތުމުންނެވެ. ޤާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެއިންތިޚާބެއް ބާއްވަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ހަބީބު ވިދާޅުވީ ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ 17 ނޮވެމްބަރުވާ ހުކުރުދުވަހު ކުރެއްވުމުގެ ކުރިން މާލޭސިޓީގެ މޭޔަރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އެހެންނަމަވެސް ބައި-އިލެކްޝަންގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދަވާނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭއިން އެކޮމިޝަނަށް އެންގެވުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ އެލްޖީއޭއިން އެކޮމިޝަނަށް އަންގަވާތާ 5 ދުވަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައްވާނެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން މިހާރުވެސް ބައެއް ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި ހިނގަމުން މިދާ ސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުވެސްވަނީ މޭޔަރުކަމަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ.