ޚަބަރު

ދެ އަތޮޅަކުން 12 ސަރަޙައްދެއް ޙިމާޔަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


  • ހިމާޔަތް ކުރަން ނިންމެވީ ވ.އަތޮޅާއި، ބ.އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަހައްދެއް

  • އެއީ ވ.އަތޮޅުން 8 ސަރައްދާއި، ބ.އަތޮޅުން 4 ސަރަހައްދެއް

  • މިއީ ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ސަރަޙައްދުތަކެއް

ވ.އަތޮޅާއި، ބ.އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި 12 ސަރަޙައްދަކީ ވ.ކަވަރުފަޅު ސަރަޙައްދާއި، ވ.ފޮއްތެޔޮ ސަރަޙައްދާއި، ވ.ހިނގާކުޅީ ފިނޮޅު ސަރަޙައްދާއި، ވ.ތުޑުހުރާއާއި، ވ.ރުއްހުރި ހުރާއާއި، ވ.ރަކީދޫ ކޯނަރ އާއި، ވ.ފުށިފަރު ފަރުގެ ސަރަޙައްދާއި، ވ.ހުރާ ފަޅާއި، ބ.ހުރާފަރު ސަރަޙައްދާއި، ބ.ދަރަވަންދޫ ތިލަ ސަރަޙައްދާއި، ބ.ނެލިވަރު ސަރަޙައްދާއި، ބ.އިންނަފުށި ސަރަޙައްދެވެ.

މިސަރަހައްދުތައް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑއެޅުއްވުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.

މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާވެސްވަނީ މަޝްވަރާކުރެވިފައިވެއެވެ.

މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތްކުރުމާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.