ޚަބަރު

އީސީގެ މެންބަރުކަމަށް ނަޝާތުގެ ނަން ތަޅުމަށް ހުށަހަޅަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި


  • ނަޝާތުގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްވީ 8 މެންބަރުންގެ ވޯޓުން

  • ނަޝާތުގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިދިއަ ޖުލައި މަހުގެ 25 ގައި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމުގެ އިތުރު ދައުރަކަށް ޢަލީ ނަޝާތު އައްޔަންކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނަޝާތުގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްވީ، 8 މެންބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަންކުރައްވާފައިވަނީ 2018 ވަނައަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ ޖުލައި 25 އަށް ވަނީ ހަމަވެފައެވެ. އަދި އިތުރު ދައުރަކަށް ނަޝާތު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔ،ާ ވަނީ އޭނާގެ ނަން މިއަހަރުގެ މޭމަހު 29 ވަނަދުވަހު މަޖިލިހަށް ފޮނުއްވާފައެވެ. އެހެންނަމަވެސް، އޭގެ ފަހުން މަހެއްވާން ގާތްވެފައިވަނިކޮށް ޖޫންމަހުގެ 22 ވަނަދުވަހު މަޖިލީހުން ޗުއްޓީއަށް ދިޔައީ އެކަމާއި މެދު ގޮތެއް ނުނިންމަވައެވެ.

މިދިއަ ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށްދިޔައީ އިލެކްޝަންސް ކޮމިޝަންގެ 4 މެންބަރުންނާއިއެކުއެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤާއި ނައިބް ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމްގެ އިތުރުން މެންބަރު ޑޮކްޓަރ މުޙައްމަދު ޒާހިރާއި މެމްބަރު މުޙައްމަދު ޢާޞިފްއެވެ.