ސިއްހަތު

ސެލްފް ސަރވިސް ކިއޯސްކް އައިޖީއެމްއެޗުގައި ތައާރަފްކުރައްވައިފި


މާބަނޑު އަންހެނުންގެ ހަކުރުބަލީގެކްލިނިކަކާއި ސެލްފް ސަރވިސް ކިއޯސްކް ޚިދުމަތް އައިޖީއެމްއެޗުގައި ތައާރަފް ކުރައްވައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލްގައި އަލަށް ޤާއިމްކުރެއްވި ސެލްފް ސަރވިސް ކިއޯސްކް މެޝިނުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެޕޮއިންޓްމެންޓް ހެދުމުގައި ނަންނޯޓްކުރުމާއި، އެޕޮއިންޓްމެންޓް ހެއްދުމާއި މެމޯ ޕްރިންޓްކުރުމާއި އެކްސްރޭ އަދި އެމްއާރުއައި ފަދަ ތަޙްލީލްތަކުގެ ރިޕޯޓް އޮތް ހިސާބެއް ބެލުމާއި ލެބޯޓްރީ ޓެސްޓްތަކުގެ ނަތީޖާ ތައްޔާރުވެފައިއޮތްތޯ ބަލައި، އަމިއްލައަށް ޕްރިންޓްކުރުންވެސް ހިމެނެއެވެ.

މި ޚިދުމަތް އިފްތިތާޙްކުރެއްވުމަށް އައިޖީއެމްއެޗްގައި ބޭއްވެވި ރަސްމިއްޔާތުގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ހެލްތު މިނިސްޓަރ އިރުތިޝަމް އާދަމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބޭނެކަމުގައެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ޚިދުމަތް ވީހާވެސް ފުޅާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލްރިޓަޔަރޑް ފަރުޙަތު ޝަހީރު ވިދާޅުވީ މި ޚިދުމަތަކީ އައިޖީއެމްއެޗްގެ ޚިދުމަތްތައްއިތުރަށް ފުޅާކުރައްވައި، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިދެއްވުމަށް ކުރެއްވި މަސައްކަތެއްކަމަށެވެ. އަދި ކުރިން އެ ހޮސްޕިޓަލުން ދެއްވަމުން ގެންދެވި އަދި މިހާރުމެދެކުނޑިފައިވާ ޚިދުމަތެއް ކަމަށްވާ ލެބޯޓްރީ ޓެސްޓް ނިމުމުން، އެސްއެމްއެސްއަކުން އެކަން އެނގޭ ޚިދަމަތް އަލުން ފަށްޓަވާފައިވާކަމަށްފަރުޙަތު ވިދާޅުވިއެވެ. މީގެ އިތުރުން ޑޮކްޓަރ ކޮޓަރިން ބަލިމީހުން ބައްލަވާ ކިޔޫ ނަމްބަރުއެސްއެމްއެސްގެ ޒަރީޢާއިން ބެލޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށްވެސް ފަރުޙަތު ވިދާޅުވިއެވެ.

ސެލްފް ސަރވިސް މެޝިންގެ ޚިދުމަތް ހޯދުމަށް އެންމެފުރަތަމަ ޖެހެނީ ރަޖިސްޓްރީކުރާށެވެ. އައިޑީކާޑް ބާއްވަން އެމެޝިންގައި ޚާއްޞަކުރެވިފައިވާ ތަނުގައި ކާޑް ބޭއްވުމުން، ރަޖިސްޓްރީކުރުމުގެ އޮޕްޝަން ސްކްރީނުން ފެންނާނެއެވެ. އެއަށްފަހު އެ އޮޕްޝަންނެގުމުން، ރަޖިސްޓްރީވުމުގެ ޕިން ނަމްބަރެއް އެސްއެމްއެސްގެ ޒަރީޢާއިން ފޯނަށް ލިބޭނެއެވެ. އަދި އެ ޕިންގެ އެހީގައި ސެލްފް ސަރވިސްގެ ޓްރާންސެކްޝަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ އައިޖީއެމްއެޗުން ވިދާޅުވެއެވެ.