މޫސުމާބެހޭ ތަފާތު މަޢުލޫމާތު ދެއްވުމުގެ ގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން އިންތިޒާމުކުރައްވައިގެން މޫސޫމީ ހަވީރުގެ ނަމުގައި ޙަރަކާތްތަކެއް ހިންގަވައިފިއެވެ.
މި ޙަރަކާތް ހިންގާފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މޫސުމާބެހޭ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުންނެެވެ.
ދުނިޔޭގެ މޫސުމާބެހޭ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން މެޓް އޮފީހުން އިންތިޒާމުކުރައްވައިގެން ރަސްފަންނު ސަރަޙައްދުގައި މޫސުމީ ހަވީރުގެ ނަމުގައި ބޭއްވި މި ހަވީރުގައި މޫސުމާއިބެހޭ އެކި އެކި މަޢުލޫމާތުތައް އާންމުންނަށް ދީފައިވެއެވެ. އަދި މިޙަރަކާތުގައި އެންމެ ބޮޑަށް އިސްކަންދެއްވާފައިވަނީ މޫސުމާބެހޭ ގޮތުން އާންމު ގޮތެއްގައި ނެރޭ، ވައިޓް، ގްރީން، ޔެލޯ އަދި ރެޑް އެލާރޓަކީ ކޯއްޗެއްކަން ބުނެދެއްވުމާއި، އެލާރޓް ނެރުއްވުމުން ދެން އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދެއްވުމަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވާފައިވެއެވެ.
މޫސުމީ ހަވީރު އިފްތިތާޙުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް އެންޑް އެނާރޖީ އަބްދުﷲ މަޖީދު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، މޫސުން ގޯސްވުމުގެ ސަބަބުން ނެރުމުންދާ އެލާރޓާ އާއި ގުޅޭ މައުލޫމާތު އޭގެ އެންމެ ފުރިހަމަ މާނައިގެ ރައްޔިތުންނަށް ފަހުމް ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ އެލާރޓްތަށް ނެރޭއިރު އޭގައި ރައްޔިތުންނަށް ފަސޭހައިން ދެނެގަނެވޭނެ އިބާރާތްތަށް ބޭނުންކުރުން މުހިންމު ކަމަށްވެސް މަޖީދު ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިންތިޒާމުކުރެއްވި މި ހަވީރުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ދިވެހި ރެޑް ކްރެސެންޓުގެ ސްޓޯލްތަށް ވަނީ ބައިވެރިކޮށްފައިވެއެވެ.
ދުނިޔޭގެ މޫސުމާބެހޭ ދުވަހުގެ ޙަރާކަތްތަށް ރާއްޖޭގައި ހިންގަން ފެއްޓެވީ 1982 ވަނަ އަހަރުން ފެށިގެންނެވެ.