ޚަބަރު

ކަސްޓަމްސްގެ އޮފިސަރުންނަށް ސްރީލަންކާއިން ތަމްރީން ދެނީ


ސްރީލަންކާ ކަސްޓަމްސްގެ އެހީތެރިކަމާއެކު މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތި ދެނެގަތުމާއިބެހޭ ޚާއްޞަ ތަމްރީންތައް ހޯދުމަށްޓަކައި އެމްއޯޔޫއެއްގައި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސޮއިކުރެވިގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، މިމަހުގެ 14 އިން 18 އަށް  މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ބޭއްވުނު އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ސަރަހައްދުގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިންނާއެކު ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު  ބައްދަލުކުރެއްވި ކަމަށެވެ.

އެ ބައްދަލުވުންތަކުގެ ތެރެއިން ޚާއްޞަކޮށް ޖަޕާން، ސައުތުކޮރެއާއި، ސްރީލަންކާ އަދި ތައިލެންޑުން ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންނަށް އިތުރު ތަމްރީންގެ ފުރުޞަތުތައް ދެއްވާނެކަމަށް އެޤައުމުތަކުން ވިދާޅުވެފައިވާކަމަށެވެ. މީގެ ސަބަބުން މަޢުލޫމާތު ބަދަލުކުރުމާއި، ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތި ދެނެގަތުމާއިބެހޭ ޚާއްޞަ ތަމްރީންތައް ފޯރުކޮށްދިނުމަށްޓަކައި ސްރީލަންކާ ކަސްޓަމްސްއާއެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް އެއްބަސްވެވިފައިވާކަމަށެވެ.

ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ އޭޝިޔާ ޕެސިފިކް ރީޖަންގެ ވައިސް ޗެއަރގެ ހައިސިއްޔަތުން މެލޭޝިޔާއިން ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި މައުލޫމާތު ޚިއްސާކުރުމުގެ ނިޒާމް ހަރުދަނާކުރުމާއި، މަސްތުވާތަކެއްޗަށް ޚާއްޞަކުރެވިގެން އިތުރު އޮޕަރޭޝަންތައް ހިންގުމާއި، ކަސްޓަމްސް އޮފިސަރުންނަށް ތަފާތު ދާއިރާތަކުން ހިންގޭ ތަމްރީން ޕްރޮގްރާމްތައް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ކުރިއަށްއޮތް ދެއަހަރުގެ ރިޔާސަތު ބަލަހައްޓާނެ ޤައުމެއްގެ ގޮތުގައި ފިޖީ ހޮއްވަވާފައެވެ.