ވިޔަފާރި

މިފްކޯއިން ޑީސަލް ވިއްކާ އަގު ހެޔޮކުރަނީ


މިފްކޯގެ ސެންޓަރުތަކާއި ބޯޓު ފަހަރުން, މިފްކޯއަށް މަސްކިރުވާ ފަރާތްތަކަށް ޑިީސެލް ވިއްކާ އަގު މާދަމާއިން ފެށިގެން ހެޔޮކުރުމަށް ނިންމައިފިއެވެ.

މީގެ ކުރިން 10.50 ރުފިޔާއަށް ވިއްކަމުންއައި ޑީސެލް ލީޓަރެއް މާދަމާއިން ފެށިގެން ވިއްކާނީ 7.30 ރުފިޔާއަށް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން ވިއްކާ ޑީސެލްގެ އަގު ހެޔޮ ކުރުމަށް ނިންމީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ، ސަރުކާރުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދީ، މަސްވެރިން އިތުރަށް މަސްކަނޑުތަކަށް ނިކުތުމަށް ހިތްވަރުދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެސްޓީއޯގެ އެހީތެރިކަމާއި އެކު މިފްކޯއިން ގެނައި ބަދަލެއް ކަމަށެވެ.

މިފްކޯއަކީ އަަބަދުވެސް މަސްވެރިންނަށް އެކި ގޮތްގޮތުން އެހީތެރިވެ މަސްވެރިކަމުގެ ޞިނާއަތު ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި ތެލުގެ އަގަށް މިގެނެވުނު ހެޔޮ ބަދަލަކީ މަސްވެރިންނަށް ފައިދާތަކެއް ލިބިގެންދާނޭ ބަދަލެއް ކަމަށް ދެކޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.