މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު ބްރެންޓްފަޑް އަތުން މެންޗެސްޓާ ޔުނައިޓެޑް ފަހު ވަގުތު މޮޅެއް ހޯދައިފިއެވެ.
ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު 8 މެޗުން 12 ޕޮއިންޓް ހަމަކޮށް ޔުނައިޓެޑް ވަނީ ލީގު ތާވަލުގެ 10 ވަނައަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވި ބްރެންޓްފޯޑް އޮތީ ކުޅުނު 8 މެޗުން ލިބުނު 7 ޕޮއިންޓާއެކު ލީގު ތާވަލްގެ 14 ވަނައިގައެވެ.
މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ބްރެންޓްފޯޑް އިންނެވެ. ކޮންގޯ ފޯވާޑް ޔޯން ވިސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު މެތިއަސް ޖެންސެން އެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓްޑުގެ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އެވެ.
މި ލަނޑުޖެހިތާ ތިން މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިިން އެންމެ ފަހު މިނެޓްގައި އެޓީމު މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ވެސް މެކްޓޮމިނޭ އެވެ.