ކުޅިވަރު

އީރާން އަތުން ބަލިވި މެޗުގައި ރާއްޖެއަށް ދެ ލަނޑު


އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕުގެ ކޮލިފައިންގައި ދުނިޔޭގެ ރޭންކިންގެ ހަވަނައިގައި އޮތް އީރާން އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ރާއްޖެއިން އެ ޓީމު ކޮޅަށް ދެ ލަނޑު ޖަހައިފިއެވެ.

ކިރްގިސްތާނުގައި ކުރިޔަށްދާ މުބާރާތުގައި އީރާން އަތުން ރާއްޖެ ބަލިވެފައިވަނީ 18-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ ކޮލިފައިން ބުރުގައި ތިން މެޗުން ވެސް ރާއްޖެ އަށް ޖެހުނީ އެއް ގޯލެވެ.

މިފަހަރު ފުރަަތަމަ މެޗުގައި އިރާން ކޮޅަށް މި ވަނީ ދެ ގޯލު ޖަހައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު އީރާން ކުރީގައި އޮތީ 6-1 ގެ ނަތީޖާއަކުންނެވެ. މި ހާފުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހާފިޒް އެވެ. ރާއްޖޭގެ ދެވަނަ ލަނޑު ފެނިގެންދިޔައީ އީރާނުން 14 ލަނޑު ޖެހިފަހުންނެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ބަދަަލަކަށް ކުޅެން އަރައި، މޮޅު ކުޅުމެއް ދެއްކި އަލީ ޝިޔާހު އެވެ. މިއީ އީރާނުގެ ތިން ކުޅުންތެރިން ކަޓުވާލުމަށްފަހު ހާފިޒް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އީރާނުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮޮތުން ބްރެޒިލްގައި ތަމްރީނު ފުރިހަމަކޮށްފައެވެ. މި ތަމްރީނުތަކުގެ ފައިދާ މި މެޗުގެ ތެރެއިން އީރާނަށް ހާސިލުވިއެވެ. ރާއްޖެއިން މި މުބާރާތާއި ކުރިމަތިލީ ގިނަ ގޮންޖެހުންތަކާއެކު އެވެ. އެގޮތުން އިންޑޯ ސްޓޭޑިއަމެއްގައި އެންމެ އެކަށީގެންވާ ގޮތެއްގައި ތަމްރީނު ފުރިހަމަނުކުރެވެއެވެ. އަދި ތަމްރީނު ކޭމްޕެއްވެސް ނުލިބެއެވެ. ސޯޝަލް ސެންޓަރު އިންޑޯގައި ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބުނީ މުބާރާތަށް ފުރަން ގާތްވެފައިވަނިކޮށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޯމަ ދުވަހު ބައްދަލުކުރާނީ ލުބުނާނާއެވެ. ފަހު މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ކިރްގިސްތާނާއެވެ.