ޚަބަރު

އޮޕަރޭޝަން އަޤްޞާ ފްލަޑް: ބަރުހަތިޔާރާ އެކު ޔަހޫދީން ޣައްޒާއަށް އަރަން ތައްޔާރުވަނީ


ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭނާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބަރުހަތިޔާރާ އެކު ޣައްޒާއަށް އަރަން ތައްޔާރުވާން ފަށައިފިއެވެ. ޖައްބާރުކަން ބޮޑުވެގެންވާ ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ޣައްޒާއަކީ ހަނަފަސް ސަހަރާއަކަށް ހަދައިލާނެ ކަމުގައެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާޢަތް—ޙަމާސްއިން ފަށާފައިވާ 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ދަށުން މުޖާހިދުންގެ ޓީމުތަކުން ވަނީ ސަރަޙައްދީ ފެންސް ހުރަސްކޮށް އިސްރާޢީލުގެ ރަށްތަކަށް އަރާފައެވެ. އަދި، ޔަހޫދީންގެ އަސްކަރިއްޔާގެ އަމާޒުތަކުގެ އިތުރުން، ޢާންމުންގެ ގެދޮރާއި މުދަލަށް ހަމަލަދީފައެވެ. ޙަމާސްއިން ފަށާފައިވާ މި އޮޕަރޭޝަނާ އެކު ޔަހޫދީ އިސްރާޢީލުގެ އިތުރުން މުޅި ދުނިޔެ ސިއްސުވައިލިއެވެ.

ޙަމާސްގެ މުޖާހިދުން ވަނީ އިސްރާޢީލުގެ ރަށްތަކަށް އަރައި، ގިނަ ޢަދަދެއްގެ ޔަހޫދީން ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ޔަހޫދީ ފުލުހުންނާއި ސިފައިންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުން ވެސް ހިމެނެއެވެ. ސިފައިނާއިންނާއި ފުލުހުންގެ އިސް ކޮމާންޑަރުން ވެސް ހިމެނެއެވެ. ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް ޔަހޫދީންގެ 250 އަށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

"މި ކަޅު ދުވަހުގެ ބަދަލު ހިފުމުގެ ގޮތުން ޣައްޒާ ރޫޅައިލާނަން. މަރުވި ޔަހޫދީންގެ ބަދަލު ހިފާނަން. ޙަމާސް ނައްތައިލާނަން. ޣައްޒާއަކީ ހަނަފަސް ސަހަރާއަކަށް ހަދައިލާނަން. ޣައްޒާގައި ދިރިއުޅޭ ޢާންމުންނަށް ބުނަން އޮތީ، ތި ރަށް ދޫކޮށް މިހާރު ފައިބާށޭ،" ހަމާސްއަށް އިންޒާރު ދެމުން ނަތަންޔާހޫ ބުންޏެވެ.

ޙަމާސްއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ބޮން އަޅަން ފަށާފައެވެ. އަދި، ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން ހަމަލަދޭން ފަށާފައެވެ. މި ހަމަލަތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު 230 އަށްވުރެ މައްޗަށް އަރައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރާ އެކު ޣައްޒާއަށް އަރަން ތައްޔާރުވަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުންދާ މަންޒަރު ބަލަން ތިބެވެން ނެތުމުން ކަމުގައެވެ.

ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރަނީ ޙަމާސް ޖަމާޢަތުންނެވެ.

ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ އިސްރާޢީލުން މިހާރު ވަނީ ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. ޣައްޒާއިން ކަރަންޓާއި ފެނުގެ ޚިދުމަތް މިހާރު ވަނީ ކަނޑައިލާފައެވެ. އަދި، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ތެޔޮ އެތެރެކުރުން ވަނީ ހުއްޓައިލާފައެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ގޮތުން ކާބޯތަކެތީ އެތެރެކުރަން ހުއްދަ ދިނުން ވެސް މިހާރު ވަނީ މެދުކަނޑައިލާފައެވެ.

މި ކަމަށް ރައްދު ދެމުން ޙަމާސްގެ އިސް ކޮމާންޑަރެއް ކަމުގައިވާ މުޙައްމަދު ޟަޔީފް ބުނީ، ޣައްޒާގެ ރައްޔިތުން އަޅުވެތި ކަމުގެ ދަށުގައި ގެންގުޅުނު ދުވަސް ނިމުމަކަށް ގެންނާނެ ކަމުގައެވެ. އަދި، ބަޔަކު އަޅުވެތި ކޮށްގެން ގެންގުޅުމުގެ ހިތި ޔަހޫދީންނަށް އިހުސާސް ކުރެވޭވަރު ކުރާނެ ކަމުގައެވެ. ޣައްޒާގައި ފަށާފައިވާ އޮޕަރޭޝަން ހުޅަނގު އައްސޭރިއާއި ބައިތުލްމަޤްދިސަށް ފުޅާ ކުރާނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ޔަހޫދީންގެ ނުރައްކާތެރި ހަމަލަތަކުގައި ޝަހީދުވަމުންދާ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމުންގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ގިނައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 232 އަށް އަރާފައިވާ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,700 އަށް އަރާ ކަމުގައެވެ.