ވިޔަފާރި

ޒުވާން މަސްވެރިންނަށް ޖަޕާނުން ތަމްރީނުގެ ފުރުޞަތުތައް


ދިވެހި ޒުވާން މަސްވެރިންނަށް ޖަޕާނުގައި މަސްވެރިކަމާއި ގުޅުންހުރި ތަމްރީން ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިތަމްރީން ޕްރޮގްރާމަކީ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، ޖައިކާގެ އެހީގައި ކުރިޔަށްގެންދާ މަސްވެރިކަމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދޭ ތަމްރީން ޕްރޮގްރާމެކެވެ. އަދި މިއީ، ކަނޑުމަހުގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްކަމަށް ފިޝަރީޒް މިނިސްޓަރީން ވިދާޅުވެއެވެ. ތިން ހަފްތާގެ މުއްދަތަށް ޖަޕާންގައި ކުރިޔަށްގެންދާ މިތަމްރީންތައް ފެށުމަށް ހަމަޖެހިފަވަނީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.

މި ކޯހަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ މިމަހުގެ ހަތާވީހުގެ ނިޔަލަށް ހުޅުވާލާފައެވެ. މިތަމްރީން ޕްރޮގްރާމްގައި ޖަޕާނުގައި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރާއި އާލާތްތައް ދައްކާދީ އަދި ކަނޅުބިލަމަހުގެ މަސްވެރިކަމުގައި މިހާރު ބޭނުންކުރާ ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އުނގަންނައިދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މީގެއިތުރުން ބާނާ ކަނޑުމަހުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އުޅަނދުފަހަރުގައި މަސް ގެންގުޅޭނެ ގޮތްތައް ކިޔަދީ އަމަލީގޮތުން މަސައްކަތްކުރުމުގެ ފުރުސަތު ހޯދާދެވޭނެއެވެ. އަދި މިކޯހުގެ ބައިވެރިންނަށް ޖަޕާނުގައި މަހުން އުފައްދާ ބާވަތްތައް ތައްޔާރުކުރާ ތަންތަނަށް ޒިޔާރާތްކޮށް، މިތަންތަނުގައި ޢަމަލީ ގޮތުން މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ.