ޚަބަރު

ރޭ އެކްސިޑޭންޓްވި މީހާގެ ޙާލު ސީރިއަސް، އަދިވެސް އައިސީޔޫގައި


  • ރޭއިރާކޮޅު އެކްސިޑެންޓް ވީ ކާރަކާއި ސައިކަލެއް ޖެހިގެން

  • އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށް

  • އެމީހާގެ ޙާލު ވަރަށް ސީރިއަސް

މާލޭގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޢުމުރުން ދުވަސްވީ މީހާގެ ޙާލު ވަރަށް ސީރިއަސްކަމަށާއި މިހާރުވެސް ފަރުވާދެމުންދަނީ އައިސީޔޫގައިކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެމުން އަންނަނީ ޢުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މިއެކްސިޑެންޓުވެފައިވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި ބޭރުމަގުގައެވެ. ޗައިނާ އެމްބަސީކުރިމަތީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ޙާލު ވަރަށް ސީރިއަސްކަމަށާއި، ސިކުނޑިއަށް ލޭ އެޅިފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ އާއިލާއިން ބުންޏެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންއާއި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ އެމްބެސެޑަރ މުޙައްމަދު އަމީތުގެ ބައްޕަ، އަޙްމަދު މަނިކެވެ.

މިއެކްސިޑެންޓާއި ގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލައި، ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.