ކުޅިވަރު

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންއަށް ޤައުމީ ޓީމު ކިރްގިސްތާނަށް


އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ކިރްގިސްތާނަށް ފުރައިފިއެވެ.

ކޮލިފައިންގައި ވާދަކުރުމަށް ގައުމީ ޓީމު ކިރްގިސްތާނަށް ފުރާފަވަނީ މިއަދު ހެދުނުއެވެ. ކޮލިފައިންގައި ރާއްޖޭ ހިމެނެނީ ގްރޫޕް ސީގަ އެވެ. ދެން މިގުރޫޕްގައި ހިމެނެނީ ކޮލިފައިންގެ މެޗުތަށް ކުރިޔަށްދާ ކިރްގިސްތާނާއި، އިރާންގެ އިތުރުން ލުބްނާނެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އިރާންއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ އަންނަ ހޯމަ ދުވަހު ލުބްނާންނާ ދެކޮޅަށެވެ. ކޮލިފައިންގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. ރާއްޖެއިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ތަމްރީންތަށް ކުރިޔަށް ގެންގޮސްފައެވެ.

ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން ގްރޫޕްގެ މެޗުތަކަށް އެންމެ ފުރަތަަމަ އެކުލަވާލީ 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެކެވެ. އޭގެ ފަހުން ޕްރެކްޓިސްތަކެއް ކުރުމަށް ފަހު ސްކޮޑު ވަނީ 20 އަށް ކުޑަކޮށްފަ އެެވެ. ކޮލިފައިންގައި ވާދަކުރަން ނަގާ 14 ކުޅުންތެރިންގެ ސްކޮޑު ފައިނަލްކޮށްފައިވަނީ ޕްރެކްޓިސް މެޗުތަކަށްފަހު އެވެ.

މި ފަަހަރު ވެސް ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި އަހުމަދު ވިޝާލް އާއި އަހުމަދު ތޯހާ ހުރިއިރު، ގޯލްކީޕަރު ޓްރެއިނަރަކީ އިބްރާހިމް އަހުމަދު އެވެ. އޮފިޝަލަކަށް އަހުމަދު ޝަހުމް މުހައްމަދު ހުރިއިރު، ޓީމުގެ މެނޭޖަރަކީ އަލީ ނަދީމް (ކޮކޯ) އެވެ.

ރާއްޖެއިން ހުސްވި އަހަރުވެސް މި މުބާރާތުގެ ކޮލިފައިންގަ ވާދަކޮށްފައެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތައިލެންޑްގައި އޮތް އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގައި ވާދަކޮށްފައެވެ.