ޚަބަރު

ޑރ. މުޢިއްޒުގެ ވަގުތު ޤައުމީ މަސައްކަތަށް ހުސްކުރައްވައި، މޭޔަރުގެ ޒިންމާތައް ނަރީޝަށް


  • މޭޔަރުގެ ޒިންމާތައްވަގުތީ ގޮތުން ޑެޕިއުޓީ މޭޔަރު ނަރީޝަށް

  • މުޢިއްޒު ވަގުތު ހުސްކުރެއްވީ ޓްރާންސިޝަންގެ މަސައްކަތްތަކަށް

  • ހުވާ ކުރެއްވުން ނޮވެމްބަރު 17ގައި

މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރަން ނިންމަވައި، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ކުރައްވަންޖެހޭ މުހިންމެ މަސައްކަތްތަކަށް ވަގުތު ހުސްކުރެއްވުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީގެ ކައުންސިލްގެ ބައްދަލުވުމަކީ ޑރ.މުޙައްމަދު މުޢިއްޒު މޭޔަރުކަމުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ބައްދަލުވުމެވެ. އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ ފަރާތުން އިންތިޚާބުގެ ތެރޭގައި ލިބިވަޑައިގެންނެވި އެއްބާރުލުން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ. ޑރ. މުއިއްޒު ވިދާޅުވީ، ނޮވެމްބަރު 17ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާ ހަމައަށް މޭޔަރުކަމުގައި ހުންނަވާނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ މޭޔަރުގެ ޒިންމާތައް މިއަދުން ފެށިގެން ޑެޕިއުޓީ މޭޔަރު ނަރީޝްއާ ހަވާލުކުރައްވާފައިވާކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ވިދާޅުވީ ވެރިކަމުގެ މަސްއޫލިއްޔަތާއި ރަސްމީކޮށް ހަވާލުވެވަޑައިވުމުގެ ކުރިން ކުރިއަށްދާ ޓްރާސްސިޝަން މަސައްކަތްތައް ވަރަށް ގާތުން ބައްލަވަން ބޭނުންފުޅުވާކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ކަންކަން ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެެވެ.

"ނޮވެމްބަރު 17 އާއި ހަމައަށް އަޅުގަނޑަށް މޭޔަރުކަމުގައި ހުރެވޭނެ. އެހެންނަމަވެސް ޒިންމާތައް ލީގަލް ޓީމް އަދި އެލްޖީއޭ މެދުވެރިކޮށް ބެލި އިރު ފުރުސަތު އެބަ އޮތް ޑެޕިއުޓީ މޭޔާއާ ހަވާލުކުރެވުމުގެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އިންސާފުވެރި ގޮތަކަށްވާނީ އަޅުގަނޑަށް މި ޓްރަސްސިޝަން ޕީރިއަޑްގައި، ޓްރާންސިޝަން މަސައްކަތަށް ވަރަށް ވަގުތު ދޭން ބޭނުން." އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17ގައެވެ. މިއާއެކު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑި ހުސްވާނެއެވެ. އެހެންކަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް، މެންބަރަކު އައްޔަނު ކުރުމަށްޓަކައި ބައި-އިލެކްޝަނެއް ބާއްވާނެއެވެ.

މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒު އިންތިޚާބުވެވަޑައިގަތީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްޞައްތާރާ ވާދަކޮށް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.