ސިޔާސީ

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހެއް ހުށައަޅުއްވައިފި


ސިޔާސީ ޕާޓީތަކުގެ ޤާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށައަޅާފައި ނުވާ މެމްބަރުން ޕާޓީތަކުން ވަކިވާނެ އިޞްލާޙެއް ސިޔާސީ ޕާޓީގެ ޤާނޫނަށް ހުށައަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށައެޅުއްވި މިއިޞްލާހުގައި ވަނީ، ސިޔާސީ ޕާޓީގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން އިނގިލީގެ ނިޝާން ހުށަހަޅަން އެއްމަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފިނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެކަމަށެވެ. އަދި ސިޔާސީ ޕާޓީގެ މެމްބަރަކަށްވުމަށް ނަމާއި، އެޑްރެހާއި، އައިޑީ-ކާޑު ނަންބަރާއި، ޢުމުރާއި، އިނގިލީގެ ނިޝާނާއި ސޮއިގެ އިތުރުން، ސޮއިކުރި ތާރީޚް އެނގެން އޮންނަ ގޮތަށް ހުށަހަޅަން ޖެހޭނެކަމަށާއި، މުއްދަތު ހަމަނުވާ އައިޑީކާޑު ކޮޕީއެއްވެސް ހުށަހަޅަން ވާނެކަމަށް މި އިސްލާހުގައިވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދެއްވާ ފައިސާ ދޫކުރުމުގައި އިނގިލީގެ ނިޝަން ހުށައަޅަން ދެއްވި މުއްދަތުތަކުގެ ތެރޭގައި މަޢުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ރިއާޔަތްކުރައްވަން ވާނެކަމަށްވެސް މި އިޞްލާޙުގައި ބުނެފައިވެއެވެ.

މި އިޞްލާޙު ހުށައެޅުއްވުމުގެ މަޤްޞަދުގެ ތެރޭގައި، 2013 ވަނަ އަހަރުގެ ކުރިން ހިނގައިދިޔަ މުއްދަތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމަށް އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހުމުގެ ސަބަބުން، މެމްބަރުންގެ ނަމުގެ ޞައްޙަކަމާމެދު ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބި މިކަމާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާކަން ހިމަނުއްވާފައިވެއެވެ. މި އިޞްލާހަށް އަދި މަޖިލީހުގައި ބަޙުސްކޮށްފައެއް ނުވެއެވެ.