ޚަބަރު

މިހާރުކުރަމުންދާ ވިއްސާރަ އުތުރާއި މެދުރާއްޖެއަށް އަލިކުރާނީ ހުކުރަށްފަހު: މެޓު


  • އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ކުރިއަށްއޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ

  • ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ މޫސުންވެސް ގޯސްވާނެކަމަށް ބެލެވޭ

  • އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ވިއްސާރަ އަލިކުރާނީ ހުކުރުން ފެށިގެން

  • ދެކުނުގެ ސަރަޙައްދުގެ ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ އާދިއްތައިން ފެށިގެން

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުންފެށިގެން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. މެޓު އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު އަންނަނީ ވިއްސާރަކުރަމުންނެވެ. މިވިއްސާރައިގައި ރެއާއި އިއްޔެ ރޭވެސް މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވެއެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ދެކުނުގެ މޫސުންވެސް ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މެޓު އޮފީހުން ވިދާޅުވީ، އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ކުރާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ ހުކުރު ދުވަހަށް ފަހުކަމަށެވެ. އަދި ކުރިއަށްއޮތް ގަޑިތަކުން ފެށިގެން ދެކުނަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، ވިއްސާރަ އެސަރަޙައްދަށް އަލިކުރާނެކަމަށް މެޓުން ލަފާކުރަނީ އާދިއްތަ ދުވަހަށް ފަހުގައެވެ. އެހެންކަމުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.

މެޓު އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ބެލެވޭއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވިފައިވަނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގެ އުސްމިނުގައެވެ.

އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގެ މޫސުން ގޯސްވެ ވޭތުވެދިޔަ ގަޑިތަކުގައި މޫސުމާއި ބެހޭ އިދާރާއިންވަނީ އެސަރަޙައްދުތަކަށް އެލަރޓްތައް ނެރެފައެވެ. ކުރިއަށް އޮތް ގަޑިތަކުގައިވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސްކުރައްވައެވެ.