ޚަބަރު

ޓްރާންސިޝަން މުއްދަތުގައިވެސް ފްލެޓާއި ގޯއްޗަށް ފޯމު ހުށައެޅޭނެ: ޕްލޭނިން މިނިސްޓްރީ


  • މި ސްކީމުގެ ދަށުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައި

  • ސްކީމުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުން

  • މިމަހުގެ 24 ގެ ނިޔަލަށް ފޯމު ހުށައެޅޭނެ

މި ސަރުކާރުން އިއުލާން ކުރެއްވި "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ 2 ވަނަ ފިޔަވަހީގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެގޮތައް ކުރިއަށްދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ ވިދާޅުވީ މި ސްކީމްތަކުގެ ދަށުން މާލެ ސަރަހައްދުން 4000 ގޯއްޗާއި 6000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި ސަރުކާރުން އިއުލާންކޮށްފައި އޮތް "ބިންވެރިޔާ" ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ 2 ވަނަ ފިޔަވައްސަކީ މާކުރިންވެސް އިއުލާނުކޮށްފައިވާ މަޝްރޫއެއްކަމަށާއި، ވެރިކަން ބަދަލުވާ މިމުއްދަތުގެ ތެރޭގައިވެސް ފޯމު ހުށައެޅުމުގެ މަރުހަލާ ކުރިއަށްދާނެކަމަށެވެ. ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. ގޯތި ދޫކުރަން 5,525,000 އަކަފޫޓުގެ ސަރަހައްދެއް ކަނޑައަޅާފައިވެއެވެ. މި ފަހަރު ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓެވެ.

ޖޮއިންޓް އެޕްލިކޭޝަން ނުވަތަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައިވާ މީހަކަށް ވެގެންނުވާނެއެވެ.

މީގެއިތުރުން މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުމާއި، މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ހިމެނެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ފުލެޓް ދޫކުރުމަށްވެސް ހަމަޖެހިފައިވަނީ މާލެ ސަރަޙައްދުންނެވެ. ފުލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން ހިމެނެއެވެ. 2 ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށެވެ.