ޚަބަރު

10 އަހަރަށްފަހު ލީބިޔާއިން އިޓަލީވިލާތަށް ވައިގެ ދަތުރުތައް ފަށައިފި


10 އަހަރުގެ މެދުކެނޑުމަކަށް ފަހު ލީބިޔާއިން އިޓަލީވިލާތަށް ވައިގެ ދަތުރުތައް ފަށައިފިއެވެ. ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކަށް ލީބިޔާގެ އެއަރލައިންތަކުން ކުރަމުންދިޔަ ވައިގެ ދަތުރުތައް މެދުކަނޑައިލާފައި ވަނީ 2014 ވަނަ އަހަރުއެވެ.

އީ.ޔޫގެ ޤައުމުތަކަށް ލީބިޔާގެ އެއަރލައިންތަކުގެ ދަތުރުތައް ކުރުން މަނާ ކޮށްފައި ވަނީ ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އީ.ޔޫގެ މެންބަރު ޤައުމުތަކަށް ދަތުރުކުރުމުގެ އިތުރުން، އެ އިއްތިހާދުގެ ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް އެތެރެވުން ވެސް ލީބިޔާގެ އެއަރލައިންތަކަށް އޮތީ މަނާ ކޮށްފައެވެ.

ނަމަވެސް، 10 އަހަރުގެ މެދުކެނޑުމަކަށް ފަހު ލީބިޔާގެ މަތިންދާބޯޓެއް މި ވަނީ އީ.ޔޫގެ މެންބަރު ޤައުމެއް ކަމުގައިވާ އިޓަލީވިލާތަށް ދަތުރުތައް ފަށާފައެވެ. ލީބިޔާގެ މެޑްސްކައި އެއަރވޭސްގެ މަތިންދާބޯޓު އިޓަލީވިލާތުގެ ރޯމަށް ދިޔުމަށް ދަތުރު ފަށާފައި ވަނީ ވެރިރަށް ޠަރާބުލުސްގެ މިޢައީތީޤާ ވައިގެ ބަނދަރުންނެވެ.

މެޑްސްކައި އެއަރވޭސްއިން ބުނީ، އެ އެއަރލައިންގެ މަތިންދާބޯޓުތަކުން އިޓަލީވިލާތަށް ހަފުތާއަކު ދެ ފަހަރު ދަތުރު ކުރާނެ ކަމުގައެވެ. ލީބިޔާގެ ސަރުކާރުން ބުނީ، އެ ޤައުމުގެ އެއަރލައިންތަކާ ދެކޮޅަށް އީ.ޔޫން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމާ ގުޅޭ ގޮތުން އެ އިއްތިހާދާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ.

މެޑްސްކައި އެއަރވޭސްއިން އިޓަލީވިލާތަށް ސީދާ ވައިގެ ދަތުރުތައް ފަށާފައިވީ ނަމަވެސް، އީ.ޔޫން ލީބިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީފައެއް ނުވެއެވެ. އަދި، އެ ޤައުމުގެ އެއަރލައިންތަކަށް އީ.ޔޫގެ މެންބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައެއް ވެސް ނުވެއެވެ.

އީ.ޔޫން ލީބިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ފަޖުރު ލީބިޔާގެ ފައުޖުތަކުން ވެރިރަށް ޠަރާބުލުސްއަށް އަރައި އެ ރަށް ހިފުމާ ގުޅިގެންނެވެ. ލީބިޔާގެ އެއަރލައިންތަކާ ދެކޮޅަށް އިޓަލީވިލާތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން އެ ޤައުމުން ނިންމާފައިވާ ކަން ލީބިޔާގެ ބޮޑުވަޒީރު ބޮޑުވަޒީރު ޢަބްދުލްޙާމިދު ދަބީބާ ޖުލައި މަހުގެ ތެރޭގައި އިޢުލާނު ކުރައްވާފައިވެއެވެ.

ލީބިޔާގެ ހުޅަނގާއި އިރުމަތީގައި ވެރިކަން ކުރަނީ ދެ ސަރުކާރަކުންނެވެ. އޭގެ ތެރެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައި ވަނީ ހުޅަނގުގައި ވެރިކަން ކުރާ ޢަބްދުލްޙާމިދުގެ ސަރުކާރެވެ. ލީބިޔާގައި ދެ ސަރުކާރެއް އުފެދިފައި ވަނީ އެ ޤައުމުގެ އިންތިޚާބީ ބޮޑުވަޒީރު މުޣައްމަރް ޤައްޜާފީގެ ސަރުކާރު 2011 ވަނަ އަހަރު ވައްޓައިލުމާ ގުޅިގެންނެވެ. ޤައްޜާފީގެ ސަރުކާރު ވައްޓައިލާ އޭނާ އަވަހާރަ ކޮށްލާފައި ވަނީ ނޭޓޯއިންނެވެ.