ޚަބަރު

ފެނަށްޖެހުމުގެ ކުރިން ދުރާލާ އެންގުމަށް އިލްތިމާސްކޮށްފި


މިއަދަކީ، ދުނިޔޭގެ ފެނުގެ ދުވަހެވެ.

މި ދުވަސް ފާހަގަކުރަމުންދާއިރު، މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ރަށްތަކުން ބޯފެން ހުސްވެ، ފެނަށް ޖެހުމުގެ މައްސަލަ ކުރިމަތިވަމުންދާ ދުވަސްވަރެކެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ ފެނަށްޖެހުމުގެ މައްސަލަ ޙައްލު ކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ފެނަށްޖެހުމުގެ މައްސަލަ ޙައްލު ކުރެއްވުމުގެ ގޮތުން ސަރުކާރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ފެބްރުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށް 8 އަތޮޅެއްގެ 26 ރަށަކަށް 900 ޓަނުގެ ފެން ފޯރުކޮށްދެއްވާފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާއި ހަވާލުވެ ހުންނެވި، ޑިފެންސް މިނިސްޓަރގެ ނައިބު ފާތިމަތު ތަސްނީމް، ފާހަގަކުރެއްވި ގޮތުގައި، ފެން ފޯރުކޮށްދިނުމުގައި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އާބާދީއާއި އެއްވަރުގެ ފެނުގެ ކެޕޭސިޓީ ގިނަ ރަށްތަކުގައި ނެތުމެވެ.

މީގެ އިތުރުން، ފެން ހުސްވުމުން ރިޕޯޓް ކުރުމުގެ ބަދަލުގައި ދުރާލާ އެންގުމަށްވެސް އެ ސެންޓަރުން އިލްތިމާސް ކުރައްވައެވެ. ތަސްނީމް ވިދާޅުވީ، ފެނަށް ޖެހުމުގެ މައްސަލައިގައި ކައުންސިލް ތަކުގެ ދައުރު އިތުރުކުރަން ޖެހޭ ކަމަށާއި، ފެން ހުސްވުމުގެ ދެ ހަފްތާ ކުރިން ޑިޒާސްޓަރ އަށް އެންގުން މުހިންމު ކަމަށް. ޚާއްސަކޮށް ފެންއަޅާ ތާނގީތައް ދޮވެ ސާފުކޮށް، ފެން ހުސްވާ މިންވަރު މޮނިޓަރކޮށް ބެލެހެއްޓުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރަށް ބަލާއިރުވެސް ފެނަށް ޖެހެމުންދަނީ ދާދި އެއް ރަށްތަކެއް ކަމަށާއި، އެކަމަށް ދާއިމީ ހައްލެއް ލިބެން އޮތީ، ވީހާވެސް އަވަސް މުއްދަތެއްގައި ފެނުގެ ނިޒާމްތައް އެ ރަށްތަކުގައި ޤާއިމު ކުރެވިގެން ކަމަށް ޑިޒާސްޓަރ މެނޭޖްނަމްޓް ސެންޓަރުން ފާހަގަކުރެއްވިއެވެ. މި ފަދަ ދުވަސްވަރެއްގައި ފެން އިސްރާފް ނުކޮށް، ވީހާވެސް ބޭނުންތެރި ގޮތުގައި ފެން ބޭނުން ކުރުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.