ޚަބަރު

މިއަދުވެސް ކޯރަމްހަމަނުވެ، މަޖިލީހުގެ ޖަލްސާ ނުބޭއްވުނު


  • - ހާޒިރުވެޑައިގަތީ 15 މެމްބަރުން

  • - އެޖެންޑާގައި އޮތީ ނިޒާމު ބަދަލުކުރުމުގެ މައްސަލަ

ރައްޔިތުން މަޖިލީހުގެ ކޯރަމް ހަމަނުވެގެން މިއަދު ބާއްވަން އޮތް ޖަލްސާވެސް ނުބޭއްވި ނިންނާމާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ފެށުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުންނެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާ ފެށިއިރު ހާޒިރުވެ ތިއްބެވީ ޖުމްލަ 15 މެމްބަރުންނެވެ. ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން މަޖިލިސް ނިންމާލެއްވިކަން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު އިއުލާންކުރެއްވީ އިތުރަށް 15 މިނެޓަށް ބެއްލެވުމަށްފަހުއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ޤާރާރާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ފާސްކޮށް އެ ނިންމުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. އެ ކޮމިޝަނުން ވަނީ މަޖިލީހުގެ މި ނިންމުމާއި ގުޅިގެން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގައި ރައްޔިތުން ކުރެން އަހަންވީ ކޮން ސުވާލެއްތޯ ސާފުކޮށްދިނުމަށް މަޖިލީހުގައި އެދިފައެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މައްސަލައިގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ގާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާއި ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށައަޅާފައިވާ އިޞްލާޙުގެ ބިލްވެސް މިއަދު ޖަލްސާއަށް އޮތީ އެޖެންޑާކޮށްފައެވެ.