ޚަބަރު

ސަރުކާރު ބަންދުވިޔަސް ޕާސްޕޯޓާއި ވިސާގެ ޚިދުމަތް ލިބޭނެ


  • މާދަމާ ސަރުކާރު ބަންދުނަމަވެސް އިމިގްރޭޝަންގެ ބައެއް ޚިދުމަތް ދޭގޮތަށް ހަމަޖައްސައިފި

  • ވިސާއާއި ޕާސްޕޯޓްގެ ޚިދުމަތް ދޭ ގަޑިތައް އިމިގްރޭޝަނުންވަނީ ނިންމާފައި

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްނަމަވެސް މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް ޚިދުމަތްތައް ލިބޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީނަމަވެސް، އިމިގްރޭޝަންގެ ވިސާ އަދި ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މާދަމާ ހެނދުނު 0830ހުން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އެ ޚިދުމަތަށް އެދެވޭނީ ކިޔުބީ މެދުވެރިކޮށް ނަމްބަރު ނަގައިގެންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ވިސާގެ ޚިދުމަތް ހެނދުނު 9 އަކުން ފެށިގެން މެންދުރުފަހު 2 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތަކީ ރައްޔިތުންނަށް ފަސޭހަ ޚިދުމަތަކަށް ހެދުމަށް އިމިގްރޭޝަނުންވަނީ އިމުގާ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި އެޚިދުމަތަކީ ގިނަ ބަޔަކު އެދޭ ޚިދުމަތަކަށްވުމާއެކު ޚިދުމަތްދޭ ވަގުތުވަނީ ރޭގަނޑު 9 ޖެހުމާއި ހަމައަށް އިތުރުކޮށްފައެވެ.

ހަމައެއާއެކު ވިސާގެ ޚިދުމަތްވެސް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް އިމިގްރޭޝަނުންވަނީ ހަމަޖައްސައިދީފައެވެ.