ކުޅިވަރު

ގަދަބާރު މޯހަން ބަގާނާ ވާދަކުރުމަށް މާޒިޔާ އިންޑިއާއަށް


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި މޯހަން ބަގާން ސުޕަ ޖަޔަންޓާ ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމު، އިންޑިއާގެ ކަލްކަތާއަށް ފުރައިފިއެވެ.

މި މުބާރާތުގައި މާޒިޔާ ކުޅޭ ދެވަނަ މެޗުގައި ސަރަހައްދީ ގަދަ ބާރެއް ކަމަށްވާ މޯހަން ބަގާނާ ދެކޮޅަށް ކުޅޭއިރު، އިއްޔެ އެ ޓީމު ވަނީ އިންޑިއާގެ ކަލްކަތާއަށް ފުރާފައެވެ. އިންޑިއާއަށް ފުރުމުގެ ކުރިން ފަހު ވަގުތު ޓީމަށް ހިތްވަރުދީފައި ވަނީ ޤައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުންނެވެ. އެގޮތުން އަކުރަމް އަބްދުލްޢަނީ އާއި އަލީ އަޝްފާގު ވަނީ ޓީމަށް ހިތްވަރުދިނުމުގައި ބައިވެރިވެފައެވެ.

މުބާރާތުގައި ފުރަތަމަ މެޗު މާޒިޔާ ވަނީ ބަންގްލަދޭޝް ޗެމްޕިއަން ބަޝުންދަރާ ކިންގްސް 3-1 ގެ ނަތީޖާއަކުން މާލޭގައި ބަލިކޮށްފައެވެ. އަދި މޯހަން ބަގާން ވަނީ މި ގުރޫޕްގައި ހިމެނޭ އެ ޤައުމުގެ އޮޑިޝާ އެފްސީ 4-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މި މެޗާ ކުރިމަތިލާއިރު ވަރުގަދަ ދެ މެޗު ކުޅެ މޮޅުވެފައި އޮތުމުން މޯހަން ބަގާން އޮތީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން މެޗުގެ ކުރިން މޯހަން ބަގާން ވަނީ އިންޑިއާގެ ލީގުގައި ޕަންޖާބް އެފްސީ އަދި ބެންގަލޫރު އެފްސީ އަތުން މޮޅުވެފައެވެ.

މި މެޗާ ކުރިމަތިލާއިރު ދެ ޓީމުންވެސް އޭއެފްސީ ކަޕުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވުމުން، ދެ ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތުން މޯހަން ބަގާން އޮތީ އެއްވަނައިގައެވެ.

އޭއެފްސީ ކަޕުގައި މާޒިޔާއިން މި މަހުގެ 24 ވަނަ ދުވަހު ކުޅޭ ތިންވަނަ މެޗުވެސް އޮތީ ރަށުން ބޭރުގައެވެ. އެއީ އޭއެފްސީ ކަޕުގައި މުޅިން އަލަށް ވާދަކުރާ އޮޑިޝާއާ ދެކޮޅަށެވެ. އަދި އަންނަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އޮޑިޝާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުމަށްފަހު، އެ މަހުގެ 27 ވަނަ ދުވަހު މާޒިޔާއިން ބަޝުންދަރާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭނެެއެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި މާޒިޔާ ނުކުންނާނީ މޯހަން ބަގާނާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި މޯހަން ބަގާނުން ވަނީ އަމިއްލަ ދަނޑުގައި މާޒިޔާ ބަލިކޮށްފައެވެ. މާޒިޔާ އާއި މޯހަން ބަގާން ވާދަކުރާ މެޗު އޮންނާނީ މާދަމާރޭ އިރުއޮއްސި ހަތެއް ޖަހާއިރު ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައެވެ.