ޚަބަރު

ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވެ، ގިނަ ފޮށިތައް ބަންދުކޮށްފި


  • ވޯޓުލާ ގަޑި ހަމަވުމުން ކިއުތައް ބަންދުކޮށްފި

  • ވޯޓު ގުނަން ފަށާނީ 5.30 ގައި

  • މިބުރުގައި ވޯޓުދިނުމުގެ ހައްޤު 282،395 މީހަކަށް ލިބިފައިވޭ

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ކިއުތައް ބަންދުކޮށްފިއެވެ.

އިންތިޚާބުގެ ވޯޓުލުމަށް ކަނޑައަޅާފައިވަނީ ހެނދުނު 08:00އިން ހަވީރު 05:00އަށެވެ. ވަގުތު ހަމަވުމަށްފަހު، އިތުރަށް ވަގުތެއް ނުދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމަވާފައެވެ. ކޮމިޝަނުން ވިދާޅުވީ ފަހެއް ޖެހުމާ ހަމައަށް ކިއުގައި ތިބި މީހުން ވޯޓުލާ ނިމުމުން ފޮށި ބަންދުކުރެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގިނަ މަރުކަޒު ތަކުގެ ވޯޓުލުން ނިމިފައިވާ ކަމަށާއި 5:30 ގައި ވޯޓު ގުނަން ފަށާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރެއްވީ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. އަދި ވޯޓުލުމަށް ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ.