ސޮމާލިޔާގައި ކާރު ބޮމެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ހަމަލައެއްގައި ޢާންމުންގެ ފަސް މީހުން މަރުވެއްޖެއެވެ. ބޮން ގޮއްވައިލާފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ ހައިރާން ސަރަޙައްދުގެ ރަށެއް ކަމުގައިވާ ބުލޯބަރްދީ ޑިސްޓްރިކްޓުގެ މާރުކާޓެއްގައެވެ.
މި ހަމަލަ ދީފައި ވަނީ ކާރުބާރު ބޮޑު އަދި މާރުކޭޓަށް ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައިވާ ވަގުތެއްގައެވެ. މި ހާދިސާގައި ޢާންމުންގެ 13 މީހުން ޒަޚަމުވެފައިވާ ކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން އެ މީހުންނަށް ފަރުވާދެމުންދާ ކަމުގައި ސޮމާލިޔާގެ އޮފިޝަލުން ވިދާޅުވިއެވެ.
މި ހަމަލާގެ ފަހަތުގައި އޮތީ ސޮމާލިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް އަލް-ޝަބާބް ކަމަށް ބެލެވެއެވެ. އަލް-ޝަބާބަކީ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އަލް-ޤައިދާއާ ގުޅުން އޮންނަ ގުރޫޕެކެވެ. ނަމަވެސް، އެ ޖަމާޢަތުން ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.
ބުލޯބަރްދީގައި އަލް-ޝަބާބުން ކާރުބޮމުގެ ހަމަލައެއް ދީފައި މި ވަނީ، އެ ގުރޫޕާ ދެކޮޅަށް ސޮމާލިޔާގެ އަސްކަރިއްޔާއިން ފަށާފައިވާ ހަނގުރާމައިގެ ދެވަނަ ފިޔަވަހި ފަށާފައިވާ ކަން އެ ޤައުމުގެ ރައީސް ޙަސަން ޝައިޚް މަޙްމޫދު އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ސޮމާލިޔާގެ މެދުތެރޭގައި އޮންނަ ބިލިދުވީންގައި ވެސް އަލް-ޝަބާބުން ދާދިފަހުން ވަނީ ބޮމެއް ގޮއްވައިލައިގެން ނުރައްކާތެރި ހަމަލައެއް ދީފައެވެ. ފުލުހުންގެ ޗެކް ޕޮއިންޓެއް ކައިރީގައި ޓްރަކެއް ނުވަތަ ބޮޑު ލޮރީއެއްގައި ގޮވާތަކެތި ގޮއްވައިލައިގެން ދިން އެ ހަމަލާގައި ޢާންމުންގެ 18 މީހުން މަރުވިއެވެ.
ސޮމާލިޔާ މިހާރު އޮތީ ދާޚިލީ ހަނގުރާމައެއްގެ ހާލަތުގައެވެ. ރައީސް ޙަސަންގެ ސަރުކާރުން އަލް-ޝަބާބާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކޮށްފައިވާއިރު، އެ ގުރޫޕުން ދަނީ ޙަސަންގެ ވެރިކަން ވައްޓައިލައި، އެ ޖަމާޢަތުގެ ވެރިކަމެއް ޤާއިމު ކުރަން މަސައްކަތް ކުރަމުންނެވެ. މި ހަނގުރާމައިގެ ދަށުން ސޮމާލިޔާގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ ޖިލްމުދޫޣުގައި އަލް-ޝަބާބްގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރައިލާފައެވެ.
2011 ވަނަ އަހަރު ސޮމާލިޔާގެ ސަރުކާރުން ވަނީ ވެރިރަށް މަޤްދިޝޫގެ ސަރަޙައްދުތަކުން އަލް-ޝަބާބްގެ ހަނގުރާމަވެރިން ފައްސައިލާފައެވެ. ނަމަވެސް، އެ ޖަމާޢަތުން ސޮމާލިޔާގެ ބައެއް ސަރަޙައްދުތަކަށް އަދިވެސް ދަނީ އަތްގަދަ ކުރަމުންނެވެ. ސޮމާލިޔާގައި ދާޚިލީ ހަމަނުޖެހުންތަކެއް ފެށިފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ.