ޚަބަރު

ތަޝްކެންތުގައި ބާރުގަދަ އެއްޗެއް ގޮވައި އެކަކު މަރުވެ، 162 މީހުން ޒަޚަމުވެއްޖެ


އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގެ ވައިގެ ބަނދަރު ކައިރީގައި އޮންނަ ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވުމާ ގުޅިގެން އެކަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެއްޖެއެވެ. ގުދަނުގައި ބާރުގަދަ އެއްޗެއް ގޮވުމާ އެކު އެ ތަނުގައި އަލިފާން ރޯވެފައިވާއިރު، މި ހާދިސާގައި ޒަޚަމުވި މީހުންގެ ޢަދަދު 162 އަށް އަރާ ކަމުގައި އެ ޤައުމުން އޮފިޝަލުން ވިދާޅުވިއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ޒުވާން އުމުރުފުރައިގެ ކުއްޖެކެވެ. އޭނާ މަރުވީ، ގޮވުމުގެ ބާރުމިނުގައި ގުދަން ކައިރީގައި ހުރި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ގެއްލުންވެ، އެ ތަނުގެ ކުޑަދޮރެއް ވެއްޓުމާ ގުޅިގެންނެވެ. މި ހާދިސާގައި ގުދަން ކައިރީގައި ހުންނަ ގިނަ ޢިމާރާތްތަކަށް ގެއްލުންވިއެވެ. އޭގެ ތެރޭގައި ޢާންމުން ދިރިއުޅޭ ޢިމާރާތައް ހިމެނެއެވެ.

އުޒްބަކިސްތާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ މި ހާދިސާގައި ޒަޚަމުވި މީހުންގެ ތެރެއިން 24 މީހެއްގެ ހާލު ސީރިޔަސް ކަމުގައެވެ. އެ މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާއިރު، އިތުރު 138 މީހަކަށް ލިބުނު ޒަޚަމުތަކަށް ފަރުވާދީފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ ތަޝްކެންތުގެ ސިޔެރްގެލީ ޑިސްޓްރިކްޓުގައެވެ.

މި ހާދިސާއާ ގުޅިގެން ތަޝްކެންތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ އުދުހުންތަކަށް ބުރޫއަރާފައި ނުވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވާ ގުދަނުގައި ބާރުގަދަ އެއްޗެއް ގޮވަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް، އެ ކަން ދެނެގަތުމަށް އޮފިޝަލުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.