މިފެށޭ އޮކްޓޫބަރު މަހުގެ 1 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ޙަރަކާތްތެރިވާނެތީ އެ މުވައްޒަފުންނަށް ލުޔެއް ދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓުލީ ދުވަހާއި ވިދިގެންއައި އާދީއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ.
އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން ދެން ސަރުކާރުން ހުޅުވޭނީ އޮކްޓޫބަރު 2 ވާ ހޯމަ ދުވަހުއެވެ.