ދެކުނު އެފްރިކާގެ ހުޅަނގުދެކުނުގައި އޮންނަ ވެސްޓަން ކޭޕް ޕުރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި 11 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވެސްޓަން ކޭޕްގެ ވެރިރަށް ކޭޕް ޓައުންއާއި ސަރ ލޮވްރީ ޕާސް ކިޔާ އަވަށަކަށެވެ.
އެ ޕުރޮވިންސުގެ ސަރަޙައްދުތަކަށް ބޯ ވިއްސާރައާ އެކު ވައިގަދަވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ސަރ ލޮވްރީ ޕާސް އަވަށުގެ މަގުތަކުގައި ފެންބޮޑުވެ، ޢާންމުންގެ ގެދޮރަށް ފެން ވަދެފައިވާއިރު، ބާރު ވަޔާ އެކު ބައެއް ޢިމާރާތްތަކުގެ ފުރާޅުތައް ވަނީ އެއްލައިލާފައެވެ.
ކޭޕް ޓައުންއާއި ސަރ ލޮވްރީ ޕާސް އަވަށުގެ ދަނޑުބިންތައް ހަލާކުވެ، މަގުތަކުގައި ފެންބޮޑުވެ، ޢުމްރާނީ ވަސީލަތްތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އަދި، ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައިވާ ގެދޮރުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން 11 މީހަކު މަރުވެފައި ވަނީ ކަރަންޓުގައި ޖެހިގެން ކަމަށް ވެސްޓަން ކޭޕްގެ އިދާރާތަކުން ބުނެއެވެ. އެއީ، ޤަވާޢިދާ ޚިލާފަށް ބިނާކޮށްފައިވާ ޢިމާރާތްތަކެއްގައި ދިރިއުޅުނު ބަޔެކެވެ. އެ މީހުން ކަރަންޓުގެ ޚިދުމަތް ހޯދަމުން ގޮސްފައި ވަނީ ވެސް ޤަވާޢިދާ ޚިލާފަށް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި އޮންނަ ރިސޯޓު ރަށެއް ކަމުގައިވާ އަދްޝޫންގައި ވެސް ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ތާށިވެފައެވެ. އޭގެ ތެރޭގައި ޕްރައިމަރީ ސްކޫލެއްގެ 72 ދަރިވަރުންނާއި 10 ބެލެނިވެރިން ހިމެނެއެވެ. އެ މީހުން އަދްޝޫންގައި ތާށިވެފައި ވަނީ، އެ ރަށުގެ ތެރެއިން ދެމޭ ކޯރެއް ކަމުގައިވާ ލު ޣޫ ކޯރު ފުރިގެން ބަންޑުންވުމާ ގުޅިގެންނެވެ.
އެހެން ސަރަޙައްދުތަކުގައި 200 އަށްވުރެ ގިނަ ދަނޑުވެރިން ތާށިވެފައިވާ ކަމުގައި ވެސް ވެސްޓަން ކޭޕްގެ އިދާރާތަކުން ބުނެއެވެ. އެ މީހުން ސަލާމަތް ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި އޮންނަ 800 އަށްވުރެ ގިނަ މަގު ބަންދުވެފައިވާއިރު، 1,500 އަށްވުރެ ގިނަ ގޭބީސީން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. އަދި، ވެސްޓަން ކޭޕްގެ އިތުރުން އީސްޓަން ކޭޕްގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.
އެ ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން ކޭޕް ޓައުންގެ މޭޔަރު ޖޯޑަން ހިލް-ލުވިސް ވަނީ އެ ސަރަޙައްދުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވާފައެވެ. އަދި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެ ސަރަޙައްދުގެ އިދާރާތަކަށް އަންގަވާފައެވެ.
ދެކުނު އެފްރިކާއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިފައި މި ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމުގައި މޫސުމީ މާހިރުން ބުނެއެވެ. ފަހަކަށް އައިސް މިފަދަ ގުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުން ބޮޑުވެފައިވާ ކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ. 2022ވަނަ އަހަރު ދެކުނު އެފްރިކާގެ ކުވަޒުލޫ-ނާޓަލްގައި ހިނގި ފެންބޮޑުވުމުގެ ހާދިސާއެއްގައި 430 މީހުން މަރުވިއެވެ.