ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:36ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބީ 3 މީހުންނެވެ. އެއީ 2 ބިދޭސީންނާއި ދޯނީގެ ކެޕްޓަނަކަށް ހުރި ދިވެއްސެކެވެ. އަލިފާނުގެ ހާދިސާގައި ކެޕްޓަންގެ މޫނާއި ކަނާއަތުގެ 5 އިންސައްތަވަނީ ފިހިފައެވެ. އެމްއެންޑީއެފުން ވިދާޅުވީ މިތިން މީހުންވެސް އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށެވެ.
"ވާލިޔާ-7 ނަމަކަށް" ކިޔާ މިދޯނީގައި ހުޅުހިފީ ތިލަފުށިން 20000 ލީޓަރުގެ ތެޔޮ އަޅައިގެން އިންޖީނު ސްޓާޓްކޮށްލިވަގުތު ސްޕާކެއް ވެގެންކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
އަލިފާން ރޯވި ތެޔޮ އުފުލާ ދޯނި ފަޅުން ނެރެފައިވާއިރު ދޯނި މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ދޯނީގައި ހުރި ތެޔޮ މޫދަށް އެޅިފައިވާތީ މޫދުގައި ހުރި ތެޔޮތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ދެނެގަތުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރައްވަމުންނެވެ.