ކުޅިވަރު

މަކީޓާ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި


މަކީޓާ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ހ.ދ.ކުޅުދުއްފުށީގައި މިއަދު ފަށައިފިއެވެ. މިއަދު ހެނދުނު ފެށި މިމުބާރާތުގައި 3 ކުލަބާ 11 ސްކޫލަކުން ވާދަކުރާއިރު، މިމުބާރާތް ކުރިއަށްދަނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. 

މުބާރާތުގައި ވާދަކުރާ ކްލަބްތަކާއި ސްކޫލްތަކަކީ، ހދ. އަތޮޅު މަދަރުސާ، ހދ. ނޮޅިވަރަމް ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، ކުޅުދުއްފުށީ ޢަފިފުއްދީން ސްކޫލް، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް، ކޭ ވައި ސްޕޯޓްސް އެކަޑަމީ، އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ތާޖުއްދީން ސްކޫލް، ދާންދޫ ސްކޫލް، ތިނަދޫ ޒުވާނުންގެ ކްލަބް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު،ފުވައްމުލަކު މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން އަދި ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލެވެ.

މިމުބާރާތުގެ ދުވުމުގެ ކެޓަގަރީގައި ހިމެނެނީ 80މީޓަރު، 100މީޓަރު، 200މީޓަރު، 400މީޓަރު، 800 މީޓަރު، 1500 މީޓަރު، 3000 މީޓަރު އަދި 5000 މީޓަރެވެ.

ރިލޭ އިވެންޓްގައި ހިމެނެނީ 8 ގުނަ 800 މީޓަރު، 4ގުނަ 100 މީޓަރު އަދި 4 ގުނަ 400 މީޓަރެވެ.

މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 24އާ ހަމައަށެވެ. މުބާރާތުގެ އިވެންޓްތަށް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 07:30ން 10:00އަށް އަދި ހަވީރު 16:00ން 18:00އަށެވެ.