ގަވައިދާ ޚިލާފު ޕާކުކޮށްގެން ކޮށްފައިވާ ޖޫރިމަނާތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަޢާފުކޮށްދެއްވައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެކަން އާއްމުކޮށް އިޢުލާންކުރައްވާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ނިންމަވާފައިވާގޮތަށް، ގަވައިދާ ޚިލާފައި ޕާކު ކޮށްގެން 17 ނޮވެމްބަރު 2018އިން ފެށިގެން، މިއަހަރުގެ ސެޕްޓެންބަރު 5ގެ ނިޔަލަށް ކޮށްފައިވާ ހުރިހާ ޖޫރިމަނާތައް މިހާރު މަޢާފުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ރައީސް ނިންމެވީ، ޕާކު ކުރުމަށް އެކަށީގެންވާ ޖާގައެއް ދެއްކިފައި ނުވާތީ އެކަމަށް އާއްމުންނަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނެވެ.
މި ނިންމެވުމާއި އެއްގޮތަށް، މިނިސްޓްރީގެ ސިސްޓަމްގެ ތެރެއިންވެސް އެ ޖޫރިމަނާތައް އުނިކޮށްފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.
އެހެންކަމުން، އެ މުއްދަތުގައި ގަވައިދާ ޚިލާފައި ޕާކުކޮށްގެން އަރާފައިވާ ޖޫރިމަނާއާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަން ލަސްނުކޮށް މިނިސްޓްރީއަށް މެއިލުން އެންގުމަށް ވަނީ އެދިވަޑައިގެންފައެވެ.. މެއިލް ކުރާނި [email protected] އަށެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާވެސް މަޢާފްކޮށްދެއްވާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ރައީސްގެ އެނިންމެވުމާއި ގުޅިގެން ކުދިކުދި ވަޔަލޭޝަންތަކުގައި ކޮށްފައިވާ ޖޫރިމަނާ މަޢާފުކޮށްދީފައިވާކަމަށެވެ.
ނަމަވެސް ސްޕީޑަށް ވުރެ ބާރަށް ދުއްވައިގެން، ނުވަތަ އެފަދަ ކަމަކާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާ މާޢާފްކޮށްދިނުމަށް ޚާއްސަ ތަމްރީނެއް ފުރިހަމަކުރަންޖެހޭގޮތަށް ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށްވެސް ޓްރާންސްޕޯޓް އިން މިހާރު ވަނީ ހުޅުވާލާފައެވެ.