ކުޅިވަރު

ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަނަކަށް ބައްސާމް


އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަނަކަށް ކުރިން އެ އިދާރާގެ ޖެނެރަލް ސެކެޓްރީގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް ހަމަޖައްސަވައިފި އެވެ.

ފީފާގެ އެކްޒެކެޓިވް ކޮމެޓީއިން މިގޮތަށް ނިންމަވާފައިވަނީ މިއަދު އެވެ. ޗެއާމަންކަމަށް ބައްސާމް ހަމަޖައްސަވާފައި މިވަނީ ކުރިން ޗެއާމަންކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝަވީދު މަގާމުގައި އިތުރަށް މަޑުނުކުރެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ. ފީފާއިން ވަނީ ޝަވީދުގެ އިސްތިއުފާ ގަބޫލްކުރައްވާފަ އެވެ.

ފީފާގެ އެކްސްކޯއިން އަލަށް އެކުލަވާލި ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަނަކަށް ބައްސާމް ހަމަޖައްސަވާފައިވާއިރު ވައިސް ޗެއާމަނަކަށް ހުންނަވާނީ އަޙުމަދު ޝަކީބެވެ. މެމްބަރުންގެ ގޮތުގައި ތިއްބަވާނި އަލީ އުމަރް، ފާތިމަތު ނަސްމާ ނިޔާޒު އަދި މުޙައްމަދު ޖައުޝަން ޝަރީފެވެ.

އެފް.އޭމް.އިމް ބުނެފައިވަނީ ޖެނެރަލް ސެކެޓްރީއެއް ހަމަޖެހެންދެން އެކްޓިން ޖެނެރަލް ސެކެޓްރީއެއްގެ ގޮތުގައި މަސައްކަތްކުރައްވާނީ މުޙައްމަދު އާދަމް ކަމަށެވެ.

އިންތިޙާބަކުން ހޮވޭ ބަޔަކު އެފް.އޭ.އެމްއާ ހަވަލުވުމާއިޖެހެންދެން އެ އިދާރާގެ ހިންގުން ހަވާލުކުރެވިފައިވާ ނޯމަލައިޒޭޝަން ކޮމެޓީގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ފީފާއިން ވަނީ އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގައި އެފް.އޭ.އެމްގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނެސް އިންތިޙާބަކުން ހޮވޭ ބަޔަކު ރާއްޖޭގެ ފުޓްބޯޅަ އިދާރާޔާ ހަވާލުވާންޖެހެ އެވެ. އެހެން ނޫންނަމަ އޮޓަމެޓިކް ސަސްޕެންޝަނެއް ރާއްޖެއަށް އަންނާނެ އެވެ.

ފީފާއިން ރާއްޖޭގެ އަސާސީ ގަވައިދަށް ގެންނަން އެންމެ ބޮޑަށް ބޭނުންވާ އެއް ބަދަލަކީ ގިނަބަޔަކަށް ރާއްޖޭގެ ފުޓްބޯޅައިގައި ބަސް ބުނުމުގެ ހައްޤު ދެވޭ ގޮތަށް އަސާސީ ގަވައިދު ބަދަލްކުރުމެވެ.

މި މަހުގެ ހަވަނަ ދުވަހު އޮތް އެފް.އޭ.އެމްގެ ކޮންގްރެސްއިންވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ޑިވިޜަނުގެ ކްލަބްތަކަށް އޮތް ބާރު އިތުރަށް ވަރުގަދަކޮށްފައެވެ.  އެގޮތުން ފުރަތަމަ ޑިވިޜަނުގެ ކޮންމެ ޓީމަކަށް އެފް.އޭ.އެމްގެ އިންތިޙާބުގައި ދެ ވޯޓް ލެވޭ ގޮތަށް ފާސްކޮށްފައިވެ އެވެ.