ޚަބަރު

ޢުމްރާއަށް މީހުން ގެންދަން ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި


  • ޢުމްރާއަށް ރާއްޖެއިން މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލައިފި

  • ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 8 އިން 24 ވަނަ ދުވަހުގެ ނިޔަލަށް

  • މިއީ މިގޮތަށް އުޅުވާލި ދެވަނަ ފަހަރު

ރާއްޖެއިން ޢުމްރާއަށް، މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލާފިއެވެ.

ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ ދަށުން، ކޮންމެ އަހަރަކުވެސް ދެފަހަރު ޢުމްރާއަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު ދިނުމަށް އިޢުލާނުކުރަން ޖެހޭނެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ 2 ވަނަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާއި ހަމައަށްކަމަށެވެ.

އެންމެފަހުން އިސްލާމިކް މިނިސްޓްރީން ޢުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މޭ މަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޢުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ހުއްދަ ދެވޭނީ ދިވެހިރާއްޖޭގެ މީހުން ޢުމްރާއަށް ގެންދިއުމަށް އެ މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން، ޝަރުޠުހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް އަލުން ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 41 ކުންފުންޏަކަށް ހުއްދަ ދެއްވާފައެވެ. މި ކުންފުނިތަކުގެ ތެރެއިން މިއަހަރުގެ ނޮވެންބަރާއި ހަމައަށް 12 ކުންފުންޏެއްގެ ހުއްދައިގެ މުއްދަތު ހަމަވާނެކަމަށް އިސްލާމިކް މިނިސްްޓްރީން ވިދާޅުވިއެވެ.

ޢުމްރާއަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައިވާގޮތުން، ކޮންމެ ކުންފުންޏަކަށްވެސް ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވަނީ 2 އަހަރުގެ މުއްދަތަކަށެވެ.