ޚަބަރު

އޮޑެސާއަށް ދިން މިސައިލް ހަމަލަތަކެއްގައި ހަތަރު މީހުން މަރުވެއްޖެ


ޔޫކްރެއިންގެ ބަނދަރުމަތީ ސަރަޙައްދެއް ކަމުގައިވާ އޮޑެސާއަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ ހަތަރު މީހުން މަރުވެއްޖެއެވެ. އޮޑެސާއަކީ ބްލެކް ސީ ނުވަތަ ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދެކެވެ. އެ ރަށަށް ދީފައިވާ ހަމަލަތައް އަމާޒު ކޮށްފައި ވަނީ ގޮވާން ރައްކާކުރާ ގުދަންތަކާއި ގޮވާން އެކްސްޕޯޓު ކުރަން ބޭނުންވާ ބަނދަރަށެވެ.

މި ހަމަލަތަކުގައި ބަނދަރާއި ގޮވާމުގެ ބާވަތްތައް ރައްކާކުރާ ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ޔޫކްރެއިންގައި ހައްދާ ގޮވާމުގެ ބާވަތައް އެކްސްޕޯޓު ކުރުމާ ގުޅޭ ގޮތުން ރަޝިޔާއާ އެކު ހަދާފައިވާ އެއްބަސްވުން ޖުލައި މަހު ރޫޅުމާ އެކު، ޔޫކްރެއިންގެ ބަނދަރުތަކާއި ގޮވާން ރައްކާކުރާ ސަރަޙައްދުތަކަށް ރަޝިޔާއިން ދޭ މިފަދަ ހަމަލަތައް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

އޮޑެސާގެ ސަރަޙައްދީ ގަވަރުނަރު އޮލޭ ކިޕަރް ވިދާޅުވީ ރަޝިޔާއިން ހަމަލަދީފައި ވަނީ ގޮވާމުގެ 1,000 ޓަނުގެ ތަކެތި ރައްކާކޮށްފައި ހުރި ގުދަންތަކަކަށް ކަމުގައެވެ. އަދި، އެއް ގުދަނުގެ ތެރެއިން މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ އިޤުތިޞާދާ ބެހޭ ވަޒީރު ޔޫލިޔާ ސުވަރަދެންކޯ ވެސް ވަނީ ރަޝިޔާގެ ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ގުދަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

ޔޫކްރެއިންގެ ދެކުނުގައިވާ ޚަރްސަނަށް ވެސް ރަޝިޔާއިން ވަނީ ވަރުގަދަ ހަމަލަތަކެއް ދީފައެވެ. ޚަރްސަންގެ ރަށެއް ކަމުގައިވާ ބަރިސްލަވްއަށް ދިން ހަމަލަތަކުގައި ޢާންމުންގެ ދެ މީހުން މަރުވިއެވެ. އެއީ އުމުރުން 70 އަހަރުގެ އަންހެނަކާއި 73 އަހަރުގެ ފިރިހެނެކެވެ. މި ހަމަލަތަކުގައި އިތުރު ދެ މީހުން ޒަޚަމުވި ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވިއެވެ.

ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިނުން ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނާ ގުޅިގެން ވެސް ރަޝިޔާގެ ހަމަލަތައް އިތުރު ކޮށްފައިވެއެވެ. ކައުންޓަރއޮފެންސިވްގައި ޔޫކްރެއިންގެ ފައުޖުތަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ނުވި ނަމަވެސް، އައު ހަތިޔާރު ލިބުމާ އެކު ކައުންޓަރއޮފެންސިވްގެ ދުވެލި ހަލުވިވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ދާދި ފަހުން ވަނީ އެމެރިކާގައި އުފައްދާ "އަބްރާމްސް" މަރުކާގެ އަސްކަރީ ޓޭންކުތައް ވަރަށް އަވަހަށް އެ ޤައުމަށް ލިބޭނެ ކަމުގައެވެ. އެއާ އެކު، ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގައި ކުރިއަށްދާ ކައުންޓަރއޮފެންސިވްގައި ބޮޑެތި ކުރިއެރުންތަކެއް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮޑެސާގެ ބަނދަރުތަކަށް ހަމަލަދިނުމަށް ރަޝިޔާއިން ބޭނުންކުރި 19 ޑްރޯނާއި 11 ކްރޫޒް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ. މި ހަމަލަތަކުގައި ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ އީރާނުގައި އުފައްދާފައިވާ "ޝާހިދު" މަރުކާގެ ޑްރޯނެވެ.

މި ހަމަލަތަކާ އެކު އޮޑެސާގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ކަމުގައި ވެސް ކިޕަރް ވިދާޅުވިއެވެ. މި ގޮތުން، 1,000 އަށްވުރެ ގިނަ ގޭބީސީއާއި ވިޔަފާރިތަކުން ޚިދުމަތް ކެނޑުނު ކަމަށާއި، އެ ތަންތަނަށް އަލުން ޚިދުމަތް ގުޅައިދޭން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރަޝިޔާއިން ޔޫކްރެއިންގެ އިންޖީނުގެތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހަމަލަތައް އަމާޒު ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 579 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.