ޚަބަރު

އިސްރާޢީލުގެ ސިފައިން ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފި


އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަށް އަރައި ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީ ސިފައިންގެ ލާއިންސާނީ އުދުވާންތައް ހިންގާފައި ވަނީ ހުޅަނގު އައްސޭރީގެ ޠުލްކަރްމުގައި އޮންނަ ނޫރް ޝަމްސު ރެފިއުޖީ ކޭމްޕުގައެވެ. ޝަހީދުކޮށްލާފައިވާ އެކަކަކީ ހަމާސް ޖަމާޢަތުގެ މުހާހިދެކެވެ.

ޔަހޫދީ ޓެރެރިސްޓު ސިފައިން ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަށް އަރާފައި ވަނީ ފަތިހުގެ ވަގުތުގައެވެ. އެ ތަނަށް ޔަހޫދީ ސިފައިން ވަނުމާ އެކު ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކުގެ މުޖާހިދުން ވަނީ އެ މީހުންނާ ކުރިމަތިލައި، އެ މީހުންގެ ލާއިންސާނީ އުދުވާންތައް ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

މި ކުރިމަތިލުންތަކުގައި ދެ ފަރާތުގެ ދެމެދުގައި އެތަކެއް ގަޑިއިރަށް ހަމަލަ ބަދަލުކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މުޖާހިދުންގެ ހަމަލަތަކުގައި ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިންގެ މީހަކު ޒަޚަމުވިއެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ، ޓެރެރިސްޓު ސިފައިން ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަށް ވަދެފައި ވަނީ ޓެރެރިސްޓުންތަކެއް ހޯދަން ކަމުގައެވެ. ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޔަހޫދީ ޖައްބާރު ސިފައިން ޓެރެރިސްޓުންގެ ގޮތުގައި ސިފަކުރާ މީހުންނަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުން ކަމެވެ. ހަޤީޤީ ޓެރެރިސްޓުންނަކީ ޔަހޫދީ އިސްރާޢީލުގެ ސިފައިންނެވެ.

ނޫރް ޝަމްސު ރެފިއުޖީ ކޭމްޕުގައި ހިންގި ލާއިންސާނީ ޖަރީމާގައި ޝަހީދުކޮށްލާފައިވާ އެކަކަކީ 21 އަހަރުގެ އަސިއްޔަދު އަބޫ ޢަލީ ކަމުގައި ހަމާސް ޖަމާޢަތުން ބުނެއެވެ. އެއީ، އެ ޖަމާޢަތުގެ ހަތިޔާރު އެޅި ގޮތްޕަށް ނިސްބަވްވާ މީހެކެވެ. ޝަހީދުކޮށްލާފައިވާ ދެވަނަ މީހާއަކީ 32 އަހަރުގެ ޢަބްދުއްރަޙްމާން އަބޫ ދުޣްޝާއެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ އޭނާގެ އަމިއްލަ ގޭގެ ޓެރެސް މަތީގައި ހުއްޓައި ޔަހޫދީ ސިފައިންގެ މީހަކު ސްނައިޕަރ ބަޑިން ދިން ހަމަލައެއްގައެވެ.

ޔަހޫދީ އިސްރާޢީލުގެ ޓެރެރިސްޓު ސިފައިން ހުޅަނގު އައްސޭރިއަށް އަރައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޢަދަދު މި އަހަރުގެ ތެރޭގައި އިތުރު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ޢާންމުން ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލަތައް ވަނީ އިތުރު ކޮށްފައެވެ. އެ މީހުން ވެސް ދަނީ ފަލަސްޠީނުގެ މުސްލިމުންގެ ގެދޮރާއި މުދަލަށް ގެއްލުން ދެމުންނެވެ.

ނޫރް ޝަމްސު ރެފިއުޖީ ކޭމްޕަކީ ޠުލްކަރްމުގައި އޮންނަ ދެ ރެފިއުޖީ ކޭމްޕުގެ ތެރެއިން އެއް ކޭމްޕެވެ. އެ ކޭމްޕު ހުޅުވާފައި ވަނީ 1952 ވަނަ އަހަރުއެވެ. އެ ކޭމްޕުގައި ދިރިއުޅެނީ، 1948 ވަނަ އަހަރު ޔަހޫދީން ހިންގި ގަތުލުއާންމުގައި ގެދޮރުނެތިފައިވާ ފަލަސްޠީނުގެ ރެފިއުޖީންނެވެ. އެ ތަނުގައި 13,519 ރެފިއުޖީން ދިރިއުޅޭ ކަމުގައި އ.ދގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޔަހުދީ އިސްރާޢީލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހުޅަނގު އައްސޭރި އަޅުވެތިކޮށްފައި ވަނީ 1967 ވަނަ އަހަރުއެވެ. އޭގެ ފަހުން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އަޅުވެތިކަމުގެ ދަށުގައެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ ޢަދަދު މިހާރު 490,000 އަށް އަރައެވެ.